ރާއްޖޭގެ ޒުވާން ވިޔަފާރިވެރިންނަށް މާލީ ގޮތުންނާއި ފަންނީ ގޮތުން ފޯރުކޮށްދޭ އެހީތެރިކަން އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަށްޓަކައި، އެސްއެމްއީ ޑިޖިޓަލް އާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމަކީ ޒުވާން ވިޔަފާރިވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ 'ޔޫތު އެންޓްރަޕްރިނިއަރޝިޕް ފައިނޭންސިންގ' އިނީޝިއޭޓިވްގެ ދަށުން ވެވުނު އެއްބަސްވުމެކެވެ. މީގެ މައިގަނޑު މަގުސަދަކީ ހަމައެކަނި ފައިސާގެ އެހީތެރިކަން ދިނުމުގެ ބަދަލުގައި، މެންޓަރޝިޕް، ވިޔަފާރީގެ ތަމްރީނު، ރަސްމީކޮށް ވިޔަފާރި ރަޖިސްޓްރީކުރުމުގެ އެހީތެރިކަން އަދި މަޝްރޫއުތައް މޮނިޓަރކުރުން ފަދަ ޚިދުމަތްތައް ފޯރުކޮށްދީ، ދެމެހެއްޓެނިވި ވިޔަފާރިތަކެއް ބިނާކުރުމަށް މަގުފަހިކޮށްދިނުމެވެ.
މި ޕާޓްނަރޝިޕާ ގުޅޭގޮތުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، އެ ކުންފުނީގެ އަމާޒަކީ ޒުވާން ވިޔަފާރިވެރިންނަށް ބޭނުންވާ އިލްމާއި އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށް، އެފަރާތްތައް ބާރުވެރިކުރުވުން ކަމަށެވެ.
"ބީސީސީއާއެކު މި ގާއިމުކުރެވުނު ގުޅުމުގެ ސަބަބުން މާލީ އެހީތެރިކަމާއި، މެންޓަރޝިޕް އަދި ވިޔަފާރި ތަރައްގީކުރުމުގެ ހިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ލިބި، ޒުވާން ވިޔަފާރިވެރިންގެ ދަތުރުގެ ކޮންމެ މަރުހަލާއެއްގައި ބޭނުންވާ އިރުޝާދު ލިބޭނެކަން ކަށަވަރުވެގެންދާނެ،" އޭނާ ވިދާޅުވިއެވެ.
ބީސީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޒިޔާއު ވަނީ ޒުވާނުން ބާރުވެރިކުރުވުމަށާއި ޑިޖިޓަލް އިގްތިސާދެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ އަހަންމިއްޔަތުކަން ފާހަގަކުރައްވާފައެވެ. ޒިޔާއު ވިދާޅުވީ މިފަދަ މަޝްރޫއުތަކުގެ ސަބަބުން އައު ޚިޔާލުތައް ދެމެހެއްޓެނިވި ވިޔަފާރިތަކަށް ބަދަލުވެ، އިތުރު ވަޒީފާތައް އުފެދޭނެ ކަމަށެވެ. އަދި މިއީ ރާއްޖޭގެ ޖީޑީޕީގައި ޑިޖިޓަލް ދާއިރާގެ ހިއްސާ 15 އިންސައްތައަށް އިތުރުކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލުކުރުމަށް ލިބޭނެ ބޮޑު ބާރެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
'ޔޫތު އެންޓްރަޕްރިނިއަރޝިޕް ފައިނޭންސިންގ' ޕްރޮގްރާމަކީ ބޭންކް އޮފް މޯލްޑިވްސްއާ ގުޅިގެން 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށް 150,000 ރުފިޔާއާ ހަމައަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ޕްރޮގްރާމެކެވެ. މުޅިން ޑިޖިޓަލްކޮށް ކުރިއަށްގެންދާ މި ޕްރޮގްރާމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ 'ސްވައިޕް' މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ހުޅުވާލާފައެވެ.
މި އައު އެއްބަސްވުމުގެ ދަށުން، ވިޔަފާރި ފަށާ މަރުހަލާއިން ފެށިގެން ފައިސާ ދޫކުރުމަށްފަހު ކުރިއަށްގެންދާ މޮނިޓަރިންގ މަރުހަލާއާ ހަމައަށް ޒުވާނުންނަށް ބީސީސީގެ ފަންނީ އެހީތެރިކަން ލިބިގެންދާނެއެވެ.



