ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހީން ރާއްޖެއިން ބޭރުގައި ކުރާ ހޭދައާ ގުޅޭ މަޢުލޫމާތު އެއްކުރުމަށްޓަކައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ޚާއްޞަ ސަރވޭއެއް ކުރިއަށްގެންދިއުމަށް ނިންމައިފިއެވެ.
އެމްއެމްއޭ އިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ "ދިވެހީން ރާއްޖެއިން ބޭރުގައި ކުރާ ހޭދައާ ގުޅޭ ސަރވޭ" ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ޖުލައި މަހުގެ 25 އިން 31 ގެ ނިޔަލަށް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެރައިވަލް ހޯލުގައި ކަމަށެވެ.
އެމްއެމްއޭއިން ހާމަކޮށްފައިވާ ގޮތުގައި، މީގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ބެލެންސް އޮފް ޕޭމަންޓްސްއާ ގުޅޭ ތަފާސްހިސާބުތައް ތައްޔާރުކުރުމަށް ބޭނުންވާ މުހިންމު މަޢުލޫމާތުތައް ހޯދުމެވެ. މިގޮތުން، ބޭރަށް ދަތުރުކޮށްފައި އަނބުރާ ރާއްޖެ އަންނަ ދިވެހީންގެ ފަރާތުން ދަތުރުގެ މަޤްޞަދާއި، ދަތުރުކުރި ޤައުމާއި، ޓިކެޓާއި ހުރުމުގެ ޚަރަދުގެ އިތުރުން ބޭސްފަރުވާއަށް ހިނގި ޚަރަދު ފަދަ ތަފްޞީލުތައް އޮޅުންފިލުވޭނެއެވެ.
އެމްއެމްއޭއިން އިތުރަށް ބުނެފައިވަނީ، މި ސަރވޭގައި އެއްވެސް ފަރާތެއްގެ ނަމާއި އެޑްރެސް ފަދަ އަމިއްލަ މަޢުލޫމާތު އެއް ނުކުރާނެ ކަމަށެވެ. އަދި އެއްކުރެވޭ ހުރިހާ މަޢުލޫމާތަކީ ސިއްރުގެ ގޮތުގައި ހިފަހައްޓާނެ މަޢުލޫމާތުތަކެއް ކަމުގެ ޔަޤީންކަންވެސް އެ އޮތޯރިޓީން ވަނީ ދީފައެވެ.
ސަރވޭ ކުރިއަށްދާ މުއްދަތުގައި އެމްއެމްއޭގެ މުވައްޒަފުން އެއާޕޯޓުގައި ހަރަކާތްތެރިވަމުންދާނެތީ، އެ މުއްދަތުގައި ރާއްޖެ އަންނަ ދިވެހި ރައްޔިތުން މި މަސައްކަތަށް ފުރިހަމަ އެއްބާރުލުން ދެއްވުމަށް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ.



