ރާއްޖޭގެ މަސްވެރިން ބާނާ ފަރުމަހުގެ ބާވަތްތައް ރިސޯޓުތަކަށް ސީދާ ވިއްކޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށް މަސްވެރިކަމާ ބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މަޖިލީހުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، ހާއްސަކޮށް މާލެ ސަރަހައްދާއި ރިސޯޓުތައް ގިނަ ސަރަހައްދުތަކުގެ މަސްވެރިންނަށް ރިސޯޓުތަކަށް މަސް ވިއްކުމުގައި ހުރި ގޮންޖެހުންތައް ހައްލުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް ކަމަށެވެ. އެގޮތުން، މަސްވެރިކަން ޕްރޮމޯޓްކުރަން އުފެއްދި ކުންފުނި މެދުވެރިކޮށް، ދިވެހި މަހުގެ ބާވަތްތަކަށް ހާއްސަ ބްރޭންޑެއް ތައާރަފްކޮށް، ރިސޯޓުތަކާއި ބައިނަލްއަގުވާމީ ބާޒާރުގައި އެ ތަކެތި ޕްރޮމޯޓްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
މީގެ އިތުރުން، ކަންނެލި މަސްވެރިންނަށް ދިމާވެފައިވާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށްޓަކައި، ހުޅުމާލޭގައި 100 މެޓްރިކް ޓަނުގެ ކަންނެލި ބަންދުކުރާ ކާރުހާނާއެއް އެޅުމުގެ މަސައްކަތް މިދިޔަ ހަފުތާގައި ބަޔަކާ ހަވާލުކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކު ގެ ލޯނު އެހީއާއެކު ހުޅުމާލޭގައި ތަރައްގީކުރާ މި ފެސިލިޓީގެ މަސައްކަތް ކުރިއަށް އޮތް 18 މަސްދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.



