ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލް.ޖީ.އޭ) ގެ ބޯޑުގެ ތިން މެންބަރެއްގެ ދައުރު ހަމަވާތީ، އެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސް އޮފީހުން ހުޅުވާލައިފިއެވެ.
ރައީސް އޮފީހުން ކުރި އިޢުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، މި މަގާމުތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 29 ޖުލައި 2026 ވާ ބުދަ ދުވަހުގެ މެންދުރު 12:00 އެވެ.
އެލް.ޖީ.އޭގެ ބޯޑަށް މެންބަރުން އައްޔަންކުރުމަށް ހަމަޖެހިފައިވަނީ ތިން ދާއިރާއަކުންނެވެ. އެއީ:
- ޖެންޑަރ އިކުއަލިޓީގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ އަންހެން މެންބަރެއް.
- ގަވަރނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މެންބަރެއް.
- މަދަނީ ޖަމްޢިއްޔާއެއްގެ މެންބަރެއް.
މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތަކުގެ ތެރޭގައި ދިވެހި ރައްޔިތަކަށްވުމާއި، އުމުރުން 25 އަހަރު ފުރިފައިވުން ހިމެނެއެވެ. އަދި ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ޖިނާއީ ބޮޑު ކުށެއް ނުވަތަ ޚިޔާނާތާއި ރިޝްވަތު އަދި މަސްތުވާތަކެތީގެ އެއްވެސް ކުށެއް ޝަރީޢަތަށް ސާބިތުވެފައިވާ މީހަކަށް ވެގެންނުވާނެއެވެ. މީގެ އިތުރުން، އިންތިޚާބީ މަގާމެއްގައި ހުރި މީހަކަށް ނުވަތަ މުސްތަޤިއްލު މުއައްސަސާއެއްގެ މެންބަރަކަށްވެސް ވެގެންނުވާނެއެވެ.
މިކަމަށް ބޭނުންވާ ފޯމުތަކާއި އިޤްރާރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. ފޯމުތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ދުވަސްތަކުގެ ހެނދުނު 8:30 އިން މެންދުރު 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.



