ބަޖެޓް އިންފޯރގްރަފީ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ފިނޭންސް މިނިސްޓްރީން އިޢުލާންކޮށްފިއެވެ.
އެ މިނިސްޓްރީން ކުރި އިޢުލާނެއްގައި ބުނެފައިވަނީ ބަޖެޓުގައިވާ މަޢުލޫމާތު އެ ވުޒާރާގެ ފަރާތުން ރައްޔިތުންނަށް ވީހާވެސް ބޮޑަށް ފަހުމްވާގޮތަށް އަދި ފަސޭހައިން ލިބޭނެ ގޮތް ހެދުމުގެ ބޭނުމުގައި 2027 ވަނަ އަހަރުގެ ބަޖެޓާގުޅޭ އިންފޯގްރަފީ ތައްޔާރުކުރުމަށް ބޭނުންވާ ކަމަށެވެ. މިގޮތުން ބަޖެޓު ފޮތުގެ ޑިޒައިނާއި ލޭއައުޓް އަދި އިންފޮމޭޝަން ބުކްލެޓެއް ތައްޔާރުކުރުމަށް ގަސްތުކުރެވިފައިވާ ކަމަށާއި، މިކަމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އެ މިނިސްޓްރީން ބުނީ ޕްރޮޕޯޒަލް ހުށަހަޅާ ފަރާތްތަކުގެ ބިޑު އިވެލުއޭޓްކުރުމަށް ހަމަޖެހިފައިވަނީ ދެ މަރުހަލާއަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ބިޑް ހުށަހަޅަންޖެހޭނީ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރ) އާއި އެއްގޮތަށް ފުރަތަމަ ސިޓީ އުރައިގައި ޓެކްނިކަލް ޕްރޮޕޯސަލް ކަމަށާއި، ދެވެނަ ސިޓީ އުރައިގައި އަގުގެ ޕްރޮޕޯސަލް ކަމަށާއި، އިޢުލާނާއެކު އާންމުކޮށްފައިވާ ޓީ.އޯ.އާރ އާއި އެއްގޮތަށް އިވެލުއޭޝަންގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެއެވެ.
މީގެ އިތުރުން ފިނޭންސް މިނިސްޓްރީން ވަނީ މި މަސައްކަތާ ގުޅޭ މައުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް ޝާއިޢުކޮށްފައެވެ. އަދި މި މަސައްކަތާބެހޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން އީމެއިލް ކުރުމަށް އެ ވުޒާރާއިން ވަނީ އެދިފައެވެ.
މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން 22 ޖުލައި 2026 ވާ ބުދަ ދުވަހުގެ 13:30 އަށް މާލީ ވުޒާރާއަށް ވަޑައިގެން ބިޑް ހުށަހެޅުމަށް އެ ވުޒާރާއިން ވަނީ އެދިފައެވެ.



