މިދިޔަ ހަފުތާގައި މާލެ ސަރަހައްދުން ހިމަބިހި (މީސްލްސް) ގެ 23 ކޭސް ފެނިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭ އިން މިއަދު ހާމަކުރި ގޮތުގައި މިއާއެކު މި އަހަރުގެ މިހާތަނަށް ހިމަބިހީގެ ޖުމުލަ 144 ކޭސް ވަނީ ރިޕޯޓުކޮށްފައެވެ.
ރާއްޖޭގައި ހިމަބިހީގެ ކޭސްތައް އިތުރުވަމުންދާ ދިއުމާ ގުޅިގެން އެޗްޕީއޭ އިން ވަނީ އެމްއާރު ވެކްސިން ދޭން ފަށައިފައެވެ. މިގޮތުން މިހާތަނަށް 7،100 ފަރާތަކަށް ވެކްސިން ދެވިފައިވާ ކަމަށް އެ އެޖެންސީން ބުނެއެވެ.
އެޗްޕީއޭ އިން ވަނީ ހިމަބިހިން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަށްވެސް އެދިފައެވެ. މިގޮތުން ހުންއައިސް، ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ ލަސްނުކުރައްވައި ޞިއްޙީ ފަރުވާ ހޯއްދެއްވުމަށާއި، ފަރުވާ ހޯއްދަވަން ވަޑައިގަންނަވާއިރު މާސްކު އެޅުވުމަށާއި، އާންމު ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުން ނުކުރެއްވުމަށް އެޗްޕީއޭ އިން އިލްތިމާސްކުރެއެވެ.
މީގެ އިތުރުން ހިމަބިއްސަށް ޝައްކުވެގެން ޓެސްޓް ހަދައިފިނަމަ، ނަތީޖާ ލިބެންދެން އެކަހެރިވެގެން ހުންނެވުމަށާއި، ބަލީގެ އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ވަޑައިނުގަންނަވައި ގޭގައި މަޑުކުރެއްވުމަށްވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.



