ޕާކިސްތާނުގެ އިސްލާމްއާބާދުގައި އިއްޔެ ފެށި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) ގެ އަންހެނުންގެ ކުރިއެރުމަށް ބާއްވާ ވަޒީރުންގެ މަޖިލީހުގެ 9 ވަނަ ސެޝަންގައި ރާއްޖޭގެ މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ، ޤީލާ ޢަލީ ބައިވެރިވެވަޑައިގެންފިއެވެ.
މި ކޮންފަރެންސްގެ އާންމު ބަހުސްގައި ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގައި މިންތީގެ ހަމަހަމަކަމާއި އަންހެނުން ބާރުވެރިކުރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް މިނިސްޓަރ ޤީލާ ވަނީ އަލުން ކަށަވަރުކޮށްދެއްވާފައެވެ. މިނިސްޓަރ ވަނީ މި ކޮންފަރެންސްގެ ޝިއާރު ކަމަށްވާ "އޯ.އައި.ސީގެ ގައުމުތަކުގައި އަންހެނުން އިޖުތިމާޢީ، އިޤްތިޞާދީ އަދި ސިޔާސީ ގޮތުން ބާރުވެރިކުރުވުން: ގޮންޖެހުންތަކާއި ކުރިއަށް ދާނެ މަގު" އަށް މަރުހަބާ ވިދާޅުވެފައެވެ. އެކަމަނާ ފާހަގަކުރެއްވި ގޮތުގައި މި ޝިއާރަކީ ރާއްޖޭގެ 'ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭން (ޖީ.އީ.އޭ.ޕީ) 2022-2026' ގެ މަޤްޞަދުތަކާ ވަރަށް ބޮޑަށް ގުޅޭ ޝިއާރެކެވެ.
ލީޑަރޝިޕާއި ގަވަރނަންސްގެ ދާއިރާއިން ރާއްޖޭގެ ކުރިއެރުންތަކަށް އަލިއަޅުއްވާލައްވަމުން، ރާއްޖޭގެ އިންތިޚާބީ ކައުންސިލަރުންގެ 37 އިންސައްތައަކީ އަންހެނުންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި އަންހެނުން ސިޔާސީ ދާއިރާއަށް ނެރުމަށް ހިންގޭ 'ޓޭކިންގ ދަ ލީޑް' އަދި 'ޕްރެކްޓިސް ޕާލަމެންޓް ފޯ ވިމެން' ފަދަ ޕްރޮގްރާމްތަކުގެ މަޢުލޫމާތު ދެއްވިއެވެ. މީގެ އިތުރުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ގުޅިގެން 'ވިމަން ކޯކަސް' އެއް އުފެއްދުމާއި، މިންތީގެ ހަމަހަމަކަމަށް ރިއާޔަތްކުރާ ބަޖެޓެއް (ޖީ.އާރް.ބީ) އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަންވެސް އިޢުލާން ކުރެއްވިއެވެ.
އަންހެނުންގެ އިޤްތިޞާދީ ބާރުވެރިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން، އެސް.އެމް.އީ ޑިޖިޓަލް މެދުވެރިކޮށް ހިންގާ 100 މިލިއަން ރުފިޔާގެ ލޯނު ސްކީމާއި، އަންހެނުންނަށް ޚާއްސަ ލީސިންގ ފެސިލިޓީގެ ކާމިޔާބީ މިނިސްޓަރ ހިއްސާކުރެއްވިއެވެ. އެގޮތުން 2026 އޭޕްރިލްގެ ނިޔަލަށް 82 އަންހެން ވިޔަފާރިވެރިއަކަށް 17.8 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަން އެކަމަނާ ހާމަކުރެއްވިއެވެ.
ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާއާއި ގެވެށި އަނިޔާ ހުއްޓުވުމަށް ރާއްޖެއިން ކުރާ މަސައްކަތްތަކުގެ ތެރެއިން 'އެކު އެކީ' ޕްރޮގްރާމާއި، ފަނޑިޔާރުންނާއި ކޭސްވޯކަރުން ތަމްރީނުކުރުމާއި، މީޑިއާ ގައިޑްލައިންތައް އެކުލަވާލާފައިވާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ޤީލާ އަލީގެ ބަޔާން ނިންމަވާލެއްވީ، މިންތީގެ ހަމަހަމަކަން ގާއިމުކުރުމުގައި ހުރި ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، އޯ.އައި.ސީގެ މެންބަރު ޤައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމުގެ މުހިންމުކަން ފާހަގަކުރައްވަމުންނެވެ. އޯ.އައި.ސީގެ މި ބައްދަލުވުމަކީ މެންބަރު ޤައުމުތަކުގެ މެދުގައި އަންހެނުންގެ ޙައްޤުތަކާއި ކުރިއެރުމަށް މަޝްވަރާކުރުމަށް ބޭއްވޭ މުހިންމު ބައްދަލުވުމެކެވެ.



