ދިވެހިރާއްޖޭގައި ނުރައްކާތެރި ކެމިކަލް ވިއްކާ ފަރާތްތަކުން ކެމިކަލް ވިއްކުމުގެ ހުއްދަ ނުނަގާ އެފަދަ ތަކެތި ގުދަންކޮށް ވިއްކަމުންދާކަން ފާހަގަކުރެވިފައިވާތީ، ކުރިއަށް އޮތް އެއް މަސް ދުވަހުގެ ތެރޭގައި އެ ހުއްދަ ހޯދުމަށް މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސްއިން މިއަދު އަންގައިފިއެވެ.
މިނިސްޓްރީން ކުރި އިޢުލާނެއްގައި ބުނެފައިވަނީ، ދިވެހިރާއްޖެއަށް އެތެރެކުރާ ނުރައްކާތެރި ކެމިކަލްތައް އެތެރެކޮށް، ގުދަންކޮށް، ބޭނުންކޮށް، ވިއްކާ އަދި ނައްތާލަން ވާނީ "ނުރައްކާތެރި ކެމިކަލާބެހޭ ގަވާއިދު 2019" އާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.
ނަމަވެސް، މިހާރަކަށް އައިސް ބައެއް ފަރާތްތަކުން ހުއްދަ ނުނަގާ ކެމިކަލް ގުދަންކޮށް ވިއްކަމުންދާކަން މިނިސްޓްރީއަށް ފާހަގަކުރެވިފައިވާ ކަމަށާއި، ސަލާމަތީ ކަންކަން ކަށަވަރު ނުވާ ތަންތަނުގައި މިފަދަ ތަކެތި ގެންގުޅުމަކީ ނުރައްކާތެރި ހާދިސާއެއް ހިނގުމަށް އޮތް ބޮޑު ފުރުސަތެއް ކަމަށް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
ކެމިކަލް ވިއްކުމުގެ ހުއްދަ ހޯދުމަށް އެދޭ ފަރާތްތަކުން މިނިސްޓްރީގެ ވެބްސައިޓުގައިވާ "ކެމިކަލް ވިއްކުމުގެ ހުއްދަ އަށް އެދޭ ފޯމް" މެދުވެރިކޮށް ހުށަހަޅަންޖެހެއެވެ. މީގެ އިތުރުން، ކެމިކަލް ބަހައްޓާ ފިހާރަ "މަކުޑި ޕޯޓަލް" ގައި ރަޖިސްޓަރީ ކުރަންޖެހޭނެ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ. މި ހުއްދަ ދޫކުރެވޭނީ ކެމިކަލް ބަހައްޓާ ފިހާރަ އިންސްޕެކްޓް ކުރުމަށްފަހު، ރައްކާތެރިކަމާއެކު ކެމިކަލް ގެންގުޅެވޭނެ އިންތިޒާމު ހަމަޖެހިފައިވާކަން ކަށަވަރު ކުރުމަށްފަހުގައެވެ.
މިނިސްޓްރީން ވަނީ މިއަދުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި ހުއްދަ ހޯދުމަށާއި، މަކުޑި ޕޯޓަލްގައި ރަޖިސްޓަރީ ކުރުމަށް އިލްތިމާސްކޮށްފައެވެ.
އަދި މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ނުކޮށް ކެމިކަލް ވިއްކާ ފަރާތްތަކާމެދު ގަވާއިދުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.



