ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ، އިންޑިއާގައި ދެ އަހަރު ދުވަހު އަރުވާލެވިގެން ހުންނެވުމަށްފަހު، އަންނަ ޑިސެމްބަރު މަހު އެނބުރި ގައުމަށް ވަޑައިގަތުމަށް ރާވަމުންދާކަން ހާމަކުރައްވައިފިއެވެ.
ހަސީނާގެ މައްޗަށް ބަންގްލަދޭޝްގެ ކޯޓުން މަރުގެ ހުކުމެއް އިއްވާފައިވީ ނަމަވެސް އެނބުރި ވަޑައިގަންނަވަނީ އެކަމަނާގެ ޕާޓީ އަވާމީ ލީގު އުވާލުމަށް ކުރަމުންދާ މަސައްކަތްތަކާ ދެކޮޅަށް މަސައްކަތް ފެއްޓެވުމަށެވެ.
ރޮއިޓާސް ނިއުސް އެޖެންސީއަށް ދެއްވި އިންޓަވިއުއެއްގައި ހަސީނާ ވިދާޅުވީ، ގައުމަށް އެނބުރި ދިއުމުން ހައްޔަރުކޮށް ނުވަތަ މަރާލި ކަމުގައިވިޔަސް، ބޭނުންފުޅުވަނީ އަމިއްލަ ފަސްގަނޑުގައި މަރުވާން ކަމަށެވެ. "އަޅުގަނޑު ބޭނުންވަނީ އަމިއްލަ ފަސްގަނޑުގައި މަރުވާން،" ހަސީނާ ވިދާޅުވިއެވެ. އަދި އަރުވާލެވިގެން ތިއްބެވި ޕާޓީގެ އެހެން އިސްވެރިންނާއެކު ކޯޓަށް ހާޒިރުވެ، އެކަމަނާއާ ދެކޮޅަށް ހިންގާ ގާނޫނީ މަރުހަލާތަކަށް ކުރިމަތިލައްވާނެ ކަމަށްވެސް އެކަމަނާ ވަނީ ވިދާޅުވެފައެވެ.
ނަމަވެސް ބަންގްލަދޭޝްގެ މިހާރުގެ ސަރުކާރުން ވަނީ ހަސީނާއަށް އެއްވެސް ލުޔެއް ނުދޭނެކަން ސާފުކޮށްދީފައެވެ. ހޯމް މިނިސްޓަރު ސަލާހުއްދީން އަހުމަދު ވިދާޅުވި ގޮތުގައި، ހަސީނާގެ ވެރިކަމުގައި ހިންގި ލޭއޮހޮރުވުންތަކަށް އެކަމަނާގެ ހިތުގައި އެއްވެސް ދެރަވުމެއް ނެތެވެ. އަދި އަވާމީ ލީގަކީ މިހާރު ސިޔާސީ ގޮތުން ނެތިގޮސްފައިވާ ޕާޓީއެއްގެ ގޮތުގައި މިނިސްޓަރު ސިފަކުރެއްވިއެވެ.
ހަސީނާގެ 20 އަހަރުވީ ވެރިކަމުގައި ބަންގްލަދޭޝްއަށް އިގްތިސާދީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ލިބުނު ނަމަވެސް، އެކަމަނާގެ މައްޗަށް ހުދުމުޚުތާރުކަމާއި ސިޔާސީ ދެކޮޅުވެރިން ނައްތާލުމުގެ ބޮޑެތި ތުހުމަތުތަކެއް ވަނީ އަމާޒުވެފައެވެ. މިހާރުވެސް އެކަމަނާ ގެންދަވަނީ އިންޑިއާގައި ހުންނަވައިގެން އޮންލައިންކޮށް ޕާޓީގެ މެންބަރުންނާ ބައްދަލުކޮށް، ޕާޓީ އަލުން އިންތިޒާމުކުރުމުގެ މަސައްކަތް ކުރައްވަމުންނެވެ.
ޝެއިޚް ހަސީނާ އިންޑިއާގައި ހުންނެވުމަކީ ދެ ގައުމުގެ ގުޅުމަށް ބޮޑެތި ނުތަނަވަސްކަމެއް އުފެދިފައިވާ ކަމެކެވެ. ބަންގްލަދޭޝްގެ އާ ސަރުކާރުން އެކަމަނާ ހަވާލުކުރުމަށް ތަކުރާރުކޮށް އެދެމުންދާއިރު، ހަސީނާ އަމިއްލަ އިޚްތިޔާރުގައި އެނބުރި ވަޑައިގަތުމަށް ނިންމެވި ނިންމެވުމުގެ ސަބަބުން މި މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބަލައެވެ.



