ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ އިންތިޚާބުގައި ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
އެލްޖީއޭ އިން މިއަދު ކުރި އިޢުލާނެއްގައިވާ ގޮތުން، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 59 ވަނަ މާއްދާގެ (ކ) ގެ ދަށުން ބޯޑަށް ތިން މެންބަރަކު އިންތިޚާބު ކުރާނެއެވެ. އެއީ ސިޓީ ކައުންސިލަރުންގެ ތެރެއިން އިންތިޚާބުކުރާ މެންބަރަކާއި، ރަށު ކައުންސިލަރުންގެ ތެރެއިން އިންތިޚާބުކުރާ މެންބަރެއްގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން އިންތިޚާބުކުރާ މެންބަރެކެވެ.
މި އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު މިއަދުން ފެށިގެން ޖުލައި 16 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ. އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން އެލްޖީއޭގެ އީމެއިލް މެދުވެރިކޮށް ފޯމު ހުށަހެޅޭނެއެވެ. އީމެއިލް މެދުވެރިކޮށް ފޯމު ހުށަހެޅުމުގައި ދަތިތަކެއް ހުރިނަމަ، އެޓޯލް ޕޯސްޓް ބިލްޑިންގުގައި ހުންނަ އެލްޖީއޭގެ އޮފީހަށް ހާޒިރުވެގެންވެސް ފޯމު ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.
މި އިންތިޚާބުގައި ކުރިމަތިލެވޭނީ ލޯކަލް ކައުންސިލްތަކުގެ ފަސްވަނަ ދައުރަށް އިންތިޚާބުވެ، ހުވައިކޮށްފައިވާ ނުވަތަ އިޤުރާރުގައި ސޮއިކޮށްފައިވާ ކައުންސިލަރުންނަށާއި ކޮމިޓީތަކުގެ ރައީސުންނަށެވެ. ފޯމު ހުށަހަޅާއިރު ކެންޑިޑޭޓުގެ އައިޑީ ކާޑު ނުވަތަ ޕާސްޕޯޓުގެ ކޮޕީއާއި ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް ހުށަހަޅަންޖެހެއެވެ.
އެލްޖީއޭއިން ހާމަކޮށްފައިވާ ގޮތުގައި، މި އިންތިޚާބުގެ ވޯޓުލުން އޮންނާނީ 2026 އޯގަސްޓް 08 ވާ ހޮނިހިރު ދުވަހުއެވެ. ވޯޓުލުން ކުރިއަށްދާނީ އެ ދުވަހުގެ ހެނދުނު 10:00 އިން ހަވީރު 16:00 އާ ހަމައަށެވެ. ވޯޓުލާ ނިމޭތާ 30 މިނެޓު ފަހުން ވޯޓު ގުނަން ފަށާނެ ކަމަށާއި، އެ ދުވަހު ވަގުތީ ނަތީޖާ އިޢުލާން ކުރާނެ ކަމަށްވެސް އެ އޮތޯރިޓީން ބުނެއެވެ.
މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާން ކުރުމަށް ހަމަޖެހިފައިވަނީ 2026 އޯގަސްޓް 11 ވާ އަންގާރަ ދުވަހުއެވެ.



