ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް، އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓުން ސީދާ ސަޢޫދީ ޢަރަބިއްޔާގެ ޖިއްދާއަށް އުމްރާ ދަތުރެއް ކޮށްފިއެވެ.
ޤައުމީ އެއާލައިން މޯލްޑިވިއަންގެ އޭ330 މަތިންދާބޯޓުގައި ކުރި މި ތާރީޚީ ދަތުރަކީ، ޢުމްރާގެ ޚިދުމަތް ފޯރުކޮށްދޭ ޓްރެވެލް އެޖެންސީއެއް ކަމަށްވާ "ދަ ޓްރެވެލާ" އާއި މޯލްޑިވިއަން ގުޅިގެން ކުރިއަށްގެންދިޔަ ދަތުރެކެވެ. މި ފުރަތަމަ ފްލައިޓްގައި ކުޑަކުދިން ހިމެނޭހެން ޖުމްލަ 260 މީހުން ވަނީ ޢުމްރާގެ އަޅުކަން އަދާކުރުމަށް ފުރާފައެވެ.
މި ދަތުރުގައި ބައިވެރިވި އުމްރާވެރިންނަށް މޯލްޑިވިއަންގެ ފަރާތުން ވަނީ ޚާއްޞަ ހަދިޔާއެއްވެސް ދީފައެވެ.
މޯލްޑިވިއަންއިން ފުރަތަމަ ފަހަރަށް ޢުމްރާ ދަތުރުތައް ފަށާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 22 ވަނަ ދުވަހުއެވެ. އެ ފަހަރުގެ ފުރަތަމަ ދަތުރުގައި 750 އަށްވުރެ ގިނަ އުމްރާވެރިން ބައިވެރިވިއެވެ. މި ދަތުރުތަކުގައި މޯލްޑިވިއަންއިން ބޭނުންކުރަނީ އެއަރބަސް ވައިޑް-ބޮޑީ މަތިންދާބޯޓެވެ.
މީގެ އިތުރުން، މިދިޔަ އަހަރު ރާއްޖެއިން ހައްޖަށް ދިޔަ ހައްޖާޖީން ސައުދީއަށް ގެންދިއުމުގައިވެސް މޯލްޑިވިއަނުން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.



