މާލޭގެ ގެއެއްގެ ތިޖޫރީތަކެއް ފަޅާލައި، ގާތްގަނޑަކަށް 4 މިލިއަން ރުފިޔާ ވަގަށްނެގި މައްސަލާގައި 5 މީހެއްގެ މައްޗަށް ދަޢުވާކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފި ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހާމަކޮށްފިއެވެ.
މި މައްސަލައަކީ 15 މާރިޗު 2026 ދުވަހުގެ ރޭގަނޑު 21:02 އެހައިކަށްހައިއިރު، މ. ނަލަހިޔާ ރެސިޑެންސްގެ އެޕާޓްމަންޓެއްގައި ހުރި ދެ ތިޖޫރީއެއް ފަޅާލައި، އޭގައި ހުރި 3,992,000 ރުފިޔާ ވަގަށްނެގި މައްސަލައެކެވެ. ޕީޖީ އޮފީހުން މި މައްސަލާގައި ދަޢުވާތައް ކޯޓަށް ހުށަހަޅާފައިވަނީ 25 ޖޫން 2026 ގައެވެ.
މި މައްސަލާގައި ހިމެނޭ 5 މީހުންގެ މައްޗަށްވެސް ވަނީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 211 ވަނަ މާއްދާގެ (ހ) ގެ ދަށުން، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ދަޢުވާ އުފުލާފައެވެ. މި ދަޢުވާ އުފުލާފައިވާ މީހުންނަކީ:
- އަޙްމަދު ފާރިސް، މ. އޭސިޔާ
- ޖަޒީލު މުޙައްމަދު، ހދ. ނޮޅިވަރަންފަރު، ޖަޒީލާމަންޒިލް
- މުޙައްމަދު އަފްރާޙް، ސ. މީދޫ، މޫންލައިޓްވިލާ
- އިސްމާޢީލް ޢާޞިފް، ރ. މަޑުއްވަރި، ދާރުލް އައްވަލް
- މުޙައްމަދު ނޫރު އަޙްމަދު، ޅ. ނައިފަރު، ކަސްތޫރިމާގެ
މި ދަޢުވާގެ އަސާސީ އަދަބަކީ 3 އަހަރާއި 2 މަހާއި 12 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމެވެ.
މީގެ އިތުރުން، މި މައްސަލާގައި ހިމެނޭ އަޙްމަދު ފާރިސް، ޖަޒީލު މުޙައްމަދު އަދި މުޙައްމަދު ނޫރު އަޙްމަދުގެ މައްޗަށް ވަނީ އިތުރު ދެ ދަޢުވާއެއްވެސް އުފުލާފައެވެ. އެއީ އެޕާޓްމަންޓްގެ ވެރިފަރާތުގެ ހުއްދަނެތި އެ ތަނަށް ވަދެފައިވާތީ ކުރި "އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ދަޢުވާ" އާއި، އެޕާޓްމަންޓުގެ ކޮޓަރިތަކުގެ ދޮރުތަކަށާއި ތިޖޫރީތަކަށް ގެއްލުންދީފައިވާތީ ކުރި "މުދަލަށް ގެއްލުން ދިނުމުގެ ދަޢުވާ" އެވެ. މި ކޮންމެ ދަޢުވާއެއްގެ އަސާސީ އަދަބަކީ 4 މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ.
ޕީޖީ އޮފީހުން ބުނި ގޮތުގައި، މި މައްސަލާގައި ދަޢުވާލިބޭ މީހުން އަތުން ވަގަށްނެގި ފައިސާ އަނބުރާ ހޯދައި، ބަދަލުލިބޭ ފަރާތަށް އެ ފައިސާ ނަގައިދިނުމަށްވެސް ކޯޓުގައި ވަނީ އެދިފައެވެ.



