ހއ. ހޯރަފުށީގެ ކަރަންޓު ނެޓްވޯކް ޒަމާނީކޮށް، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ހަރުދަނާ ކުރުމުގެ ގޮތުން އެ ރަށުގައި އޭބީސީ ކޭބަލް އެޅުމުގެ ބޮޑު މަޝްރޫޢެއް ފެނަކަ ކޯޕަރޭޝަނުން ފަށައިފިއެވެ.
ފެނަކައިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މި މަސައްކަތަކީ ހޯރަފުށީގެ ކަރަންޓު ނެޓްވޯކަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދައި، ކަރަންޓުގެ ޚިދުމަތް އިތުރަށް އިތުބާރު ހުރި ގޮތެއްގައި ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ މަސައްކަތެއް ކަމަށެވެ. މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ރަށުގެ ކަރަންޓު ވިއުގަ ހަރުދަނާކޮށް، މެދުކެނޑުމެއްނެތި ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް ދިނުން ކަމަށް އެ ކުންފުނިން މަޢުލޫމާތު ދެއެވެ.
ހއ. ހޯރަފުށީގެ ކަރަންޓު ނެޓްވޯކް ޒަމާނީކޮށް، ޚިދުމަތުގެ ފެންވަރު ހަރުދަނާ ކުރުމަށްޓަކައި އޭބީސީ ކޭބަލް އެޅުމުގެ މަސައްކަތް ފަށައިފި.
މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ރަށުގެ ކަރަންޓު ނެޓްވޯކް އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް މެދުކެނޑުމެއްނެތި އިތުބާރު ހުރި ޚިދުމަތެއް… pic.twitter.com/ZwsMF3RXjN
— Fenaka Corporation Ltd (@TeamFenaka) July 11, 2026
އޭބީސީ ކޭބަލަކީ އާންމުކޮށް ބޭނުންކުރާ ކޭބަލްތަކަށްވުރެ ރައްކާތެރި އަދި މޫސުމީ ބަދަލުތަކުގެ ސަބަބުން ކަރަންޓު ކެނޑުމަށް ދިމާވާ މައްސަލަތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ ނިޒާމެކެވެ.
މި މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި ރަށުގެ ބައެއް ސަރަޙައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ފެނަކައިން ފާހަގަކޮށްފައިވެއެވެ. އެހެންކަމުން، މި މަސައްކަތުގެ ސަބަބުން ހޯރަފުށީގެ ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި އެ ކުންފުނިން ވަނީ ނިހާޔަތަށް މަޢާފަށް އެދިފައެވެ.



