މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކަނޑުމަތީގައި ހިނގި އެކްސިޑެންޓުގައި އެކްސިޑެންޓުވުމުން މަޑުނުކޮށް ދިޔަ އުޅަނދު ހޯދުމަށް ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.
ފުލުހުން ހާމަކުރި ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ 2026 ޖުލައި 9 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. މި އެކްސިޑެންޓާ ގުޅިގެން "ލީޖަން 1" ނަމަކަށް ކިޔާ ލޯންޗެއް މާލެ، ބޮޑުތަކުރުފާނުމަގު އިއްޒުއްދީން ފާލަން ކައިރިއަށް ކައިރިކޮށްފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ އެރޭ 21:16 އެހާކަންހާއިރުއެވެ.
މި ހާދިސާގައި "ލީޖަން 1" ލޯންޗާއި އިތުރު އުޅަނދެއް ޖެހި އެކްސިޑެންޓް ވެފައިވާއިރު، އެކްސިޑެންޓްވި އަނެއް އުޅަނދު ވަނީ މަޑުނުކޮށް ގޮސްފައެވެ. ފުލުހުން މިހާރު ގެންދަނީ އެ އުޅަނދު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
މި އެކްސިޑެންޓްގައި އަނިޔާވި ފަސް މީހަކަށް އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. އަނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ ހަތަރު ބިދޭސީ ފިރިހެނުންނާއި ދިވެހި ފިރިހެނެކެވެ.
ފުލުހުން ވަނީ މަޑުނުކޮށް ދިޔަ އުޅަނދާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްވާނަމަ، މެރިން ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9926094 އަށް ގުޅުއްވައި އެ މައުލޫމާތެއް ހިއްސާކޮށްދެއްވުމަށް އެދިފައެވެ. އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.



