ރާއްޖޭގައި ހިމަބިހި ކޮންޓްރޯލް ނުކުރެވޭ ހާލަތަށް ނުދާކަމަށާއި، ބަލި އިތުރަށް ފެތުރުނަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދަވާ ކަމަށް ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާއި ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި މެންބަރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ޤީލާ ވިދާޅުވީ މޭ މަހުން ފެށިގެން ހިމަބިހި ރާއްޖެއިން ފެންނަމުންދިޔަ ނަމަވެސް ގިނަ ކޭސްތައް ރިޕޯޓުކޮށްފައިވަނީ މާލެ ސަރަހައްދުން ކަމަށެވެ. މި ބައްޔަކީ ހަލުވިކަމާއެކު ގައިން ގަޔަށްއަރާ ބައްޔެ ނަމަވެސް މިވަގުތު މި ބައްޔާއި ގުޅިގެން ރާއްޖޭގައި ކަންބޮޑުވާން ޖެހޭ ހާލަތެއް ނެތް ކަމަށް ވަޒީރު ވިދާޅުވިއެވެ.
"ހިމަބިއްސަކީ ވަރަށް ކުރު މުއްދަތެއްގައި އެކަކު ގައިން އަނެކަކު ގަޔަށް އަރާ ބައްޔަކަށްވާތީ އެ ބަލި ފަސޭހަވާން ނަގާ މުއްދަތުވެސް ވަރަށް ކުރުވާނެ. އެހެންކަމުން މި ބައްޔަކީ އަޅުގަނޑުމެންނަށް އާދަޔާ ޚިލާފު ނުވަތަ ބަލި ކޮންޓްރޯލްނުވެ ފެތުރެމުންދާ، ކޮންޓްރޯލް ނުކުރެވިގެން އުޅޭ ބައްޔެއް ނޫން"، ވަޒީރު ޤީލާ ވިދާޅުވިއެވެ.
މީގެ އިތުރުން ވަޒީރު ޤީލާ ވިދާޅުވީ މި ބަލި ފެތުރުމުގެ ފުރުސަތު ނިސްބަތް ރާއްޖޭގައި ވެކްސިން ޖަހާފައިވާ އާބާދީއަށް ބަލާއިރު ކުޑަ ކަމަށެވެ. އެގޮތުން އާބާދީ 99 އިންސައްތަ ވެކްސިން ޖަހާފައިވާއިރު، މިކަމުގެ ތެރެއިން ބަލި ހާލަތު ގޯސް ނުވުމާއެކު ފަރުވާ ދިނުމުގައި ލުއިފަސޭހަތެކެއް ހުރިކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި ހިމަބިހީގެ ޓެސްޓު ކިޓުތައް ނެތް ކަމުގެ ކަންބޮޑުވުން ބައެއް މެންބަރުން ފާޅުކުރެއްވުމާ ގުޅިގެން ވަޒީރު ޤީލާ ވިދާޅުވީ، މާލެ ހިމެނޭހެން ރާއްޖޭގެ ސިއްޚީ ޚިދުމަތްދޭ މަރުކަޒުތަކުން ހިމަބިއްސަށް ޓެސްޓުކުރުމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ. އަދި ޓެސްޓު ކިޓުތައް ހުރިހާ މަރުކަޒެއްގައިވެސް ހުރި ކަމަށާއި، ބައެއް ފަހަރު ބޭރުން ގެންނަން ޖެހުމުގެ ސަބަބުން ލަސްވި ނަމަވެސް ކިޓުތައް ހުސްނުވާ ކަމުގެ ޔަޤީންކަންވެސް ވަޒީރު ދެއްވިއެވެ.



