"ތިލަމާލެ ބުރިޖު"ގެ މުޅި މަޝްރޫޢުގެ 75 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާ ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
އެ ވުޒާރާއިން ހާމަކުރާ ގޮތުގައި އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗަރ ކުންފުންޏާ ޙަވާލުކޮށްގެން 2022 ވަނަ އަހަރު އަމަލީ މަސައްކަތް ފެށި މި މަޝްރޫޢުގެ 74.90 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. މިވަގުތު ސައިޓުގައި އެންމެ މުހިންމު މަސައްކަތެއްގެ ގޮތުގައި ކުރިއަށްދަނީ ބުރިޖުގެ ތަނބުތައް ގުޅާލުމަށް ބޭނުންވާ ޑެކްތައް އިންސްޓޯލް ކުރުމުގެ މަސައްކަތެވެ.
މީގެ އިތުރުން ބުރިޖުގެ ޑެކް އެޅުމަށް ބޭނުންވާ ޖުމްލަ 1,222 ސެގްމަންޓުގެ ތެރެއިން 90.4 އިންސައްތަ ސެގްމަންޓް މިހާރު ވަނީ ކާސްޓްކޮށް ނިންމައިފައެވެ. އަދި އޭގެ ތެރެއިން 72.9 އިންސައްތަ ސެގްމަންޓް މިހާރު ވަނީ ތަނބުތަކުގެ މަތީގައި އިންސްޓޯލްކޮށް ނިންމައިފައެވެ. މިހާރު މާލެއާއި ވިލިމާލެއާ ދެމެދު ބްރިޖު ގުޅާލުމުގެ މަސައްކަތުގައި ނުނިމި އޮތީ ބުރިޖުގެ މެދުން ގުޅޭ ސެގްމަންޓް ޑެކްގެ މަސައްކަތް އެކަނި ކަމަށްވެސް އެ ވުޒާރާއިން މަޢުލޫމާތު ދެއެވެ.
މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލާ މި ބްރިޖު މަޝްރޫޢުގެ ދަށުން، ރަށްތައް ހުރަސްކުރާ ހައިވޭތައް ހެދުމުގެ މަސައްކަތްވެސް އެކުއެކީގައި ދަނީ ކުރިއަށެވެ. އެގޮތުން ގުޅިފަޅުގައި މަގުތައް ހެދުމުގެ މަސައްކަތް ބާރުސްޕީޑުގައި ކުރިއަށްދާއިރު، ތިލަފުށީގައި ބުރިޖާ ގުޅިގެން ޖަހަންޖެހޭ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ޖުމްލަ 6.7 ކިލޯމީޓަރުގެ ދިގުމިން ހުންނަ މި ބުރިޖާއި ކޯޒުވޭތަކުގެ މަޝްރޫޢަށް ގާތްގަނޑަކަށް 500 މިލިޔަން ޑޮލަރު ޚަރަދުވާނެއެވެ. މި މަޝްރޫޢު ކުރިއަށް ގެންދަނީ އިންޑިއާ ސަރުކާރުން ދޭ 100 މިލިޔަން ޑޮލަރުގެ ގްރާންޓާއި 400 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓެއްގެ ދަށުންނެވެ. މީގެ އިތުރުން ދިވެހި ސަރުކާރުންވެސް މި މަޝްރޫޢަށް ޚަރަދުކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ސަރުކާރުގެ އަމާޒަކީ 2027 ވަނަ އަހަރުގެ ނިޔަލަށް މުޅި މަޝްރޫޢު އެއްކޮށް ނިންމައި އާންމުންނަށް ބޭނުންކުރެވޭވަރު ކުރުމެވެ.



