މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ "ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު 2026" ގައި ބައިވެރިވުމަށް މިހާތަނަށް 300 އަށްވުރެ ގިނަ ފަރާތުން އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ހާމަކޮށްފިއެވެ.
ބީސީސީން މަޢުލޫމާތު ދޭ ގޮތުގައި، މިއީ މިދިޔަ އަހަރު ބޭއްވި އެކްސްޕޯގައި ބައިވެރިވި 240 ފަރާތާ އަޅާބަލާއިރު ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.
މިއީ ދިވެހި އުފެއްދުންތެރިކަން ކުރިއެރުވުމަށާއި، ދިވެހި ފަންނުވެރިންނަށް އެ ފަރާތްތަކުގެ އުފެއްދުންތައް މާކެޓްކުރުމަށް ފުރުޞަތު ހޯދައިދިނުމުގެ މަޤްޞަދުގައި ބޭއްވޭ މަޢުރަޒެކެވެ.
މި މަޢުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު އުމުރުން 13 އަހަރުން މަތީގެ ދިވެހިންނަށާއި، ދިވެހި ވިޔަފާރިތަކަށާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން ތައުލީމީ މުއައްސަސާތަކާއި، ކައުންސިލުތަކާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަނީ ހުޅުވާލާފައެވެ. މަޢުރަޒުގައި 16 ދާއިރާއަކުން 73 ގިންތިއެއްގައި އުފެއްދުންތަކާއި ޚިދުމަތްތައް ދައްކާލުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
ބީސީސީން ވަނީ މި މަޢުރަޒުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެންމެ ފަހު ވަގުތަށް މަޑުނުކޮށް، ވީހާވެސް އަވަހަށް ރަޖިސްޓްރީ ކުރުމަށް އިލްތިމާސްކޮށްފައެވެ. ބައިވެރިވުމަށް އެދި ފޯމު ހުށަހަޅާނީ expo.mv ޕޯޓަލް މެދުވެރިކޮށެވެ.
މި އަހަރަކީ އުފެއްދުންތެރިކަމުގެ އަހަރުގެ ގޮތުގައި ސަރުކާރުން ކަނޑައަޅުއްވާފައިވާތީ، ބީސީސީގެ އަމާޒަކީ މި މަޢުރަޒަކީ ދިވެހި އުފެއްދުންތެރިންނަށް އެފަރާތްތަކުގެ އުފެއްދުންތަކާއި ޚިދުމަތްތައް މާކެޓު ކުރުމަށް ހުޅުވާލެވޭ އެންމެ ފަހި ފުރުޞަތަށް ހެދުމެވެ.
ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 23 އިން 31 އަށެވެ.



