އޭއައި ބޭނުންކޮށްގެން އެޑިޓްކޮށްފައިވާ ފޮޓޯ ޕާސްޕޯޓު ހަދަން ހުށަނޭޅުމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު އިލްތިމާސްކޮށްފިއެވެ.
އިމިގްރޭޝަނުން ބުނި ގޮތުގައި، އޭއައި ބޭނުންކޮށްގެން ބަދަލުތައް ގެނެސްފައިވާ ފޮޓޯތަކަކީ ޕާސްޕޯޓުގެ ރަސްމީ މިންގަނޑުތަކާ ޙިލާފު ފޮޓޯތަކެކެވެ. ޕާސްޕޯޓަކީ މީހާގެ އައިޑެންޓިޓީ ކަށަވަރުކޮށްދޭ ސެކިއުރިޓީ ރައްކާތެރިކަން ބޮޑު މުހިންމު ލިޔެކިޔުމަކަށް ވާތީ، ފޮޓޯ ހުށަހެޅުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް އެ އިދާރާއިން ވަނީ އެދިފައެވެ.
ޕާސްޕޯޓު ފޮޓޯއާ ގުޅޭގޮތުން އިމިގްރޭޝަނުން ކަނޑައަޅާފައިވާ ހަރުކަށި ގަވާއިދުތަކަށް ނުފެތޭ ފޮޓޯތައް ބަލައިނުގަންނާނެއެވެ. އެގޮތުން ފޮޓޯ ނަގާއިރު ކަޅު ނުވަތަ ގަދަ ކުލައެއްގެ ހެދުމެއް ލައިގެން ހުރުމަށާއި، ފްރޭމްގެ މެދުގައި މީހާ ހުންނާނެހެން ލައިޓިން ރަނގަޅުކޮށް ފޮޓޯ ނެގުމަށް ވަނީ އިރުޝާދު ދީފައެވެ. މިކަމާ ގުޅޭ އިތުރު ތަފްސީލީ ގަވާއިދުތައް އިމިގްރޭޝަންގެ ރަސްމީ ވެބްސައިޓުން ފެންނަން ހުންނާނެއެވެ.



