އދ. ދިގުރަށުގެ މަގުތަކުގެ އެކި ސަރަހައްދުތަކަށް އަމިއްލަ ފަރާތްތަކުން ވެލިއެޅުމުގެ ސަބަބުން މަގުތައް ބޭނުންކުރުމަށާއި ނަރުދަމާ ނިޒާމަށް ދަތިތަކެއް ކުރިމަތިވަމުންދާތީ، ކައުންސިލްގެ ހުއްދަ ނެތި މަގުތަކަށް ވެލިއެޅުން އެ ކައުންސިލުން މަނާކޮށްފިއެވެ.
ދިގުރަށު ކައުންސިލުން ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، އެކިއެކި ފަރާތްތަކުން މަގަށް ވެލިއެޅުމުގައި އެގެއެއް ނުވަތަ ޢިމާރާތަކާއި ކައިރި ފަޅިއަށް އުސްވާގޮތަށް ވެލި އެޅުމުން މަގުގައި ހެދޭ ފެންގަނޑު، މަގުގެ އަޑި ސަރަހައްދަށް ދާގޮތް ދިމާވާ ކަމަށެވެ.
އަދި މިހެންވުމުން ޖެހިގެން އޮތް ގޯތިން އެއަށްވުރެ އުސްކޮށް މަގަށް ވެލިއަޅާކަން ފާހަގަކުރެވިފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.
މީގެ އިތުރުން މިކަމުގެ ސަބަބުން މަގުމަތީގައި ހަދާފައިވާ ނަރުދަމާގެ ޖަންކްޝަންތަކަށްވުރެ އުސްކޮށް މަގަށް ވެލިއެޅުމުން ބައެއް ޖަންކްޝަންތައް ފޮރުވިފައިވާކަން ވެސް ކައުންސިލުން ފާހަގަކުރެއެވެ.
އެހެންކަމުން ކައުންސިލްގެ ރަސްމީ ހުއްދައެއް ނެތި އެއްވެސް ފަރާތަކުން އެއްވެސް މަގަކަށް ވެލި ނޭޅުމަށް ވަނީ އަންގައިފައެވެ.
އަދި މަގުމަތީގައި ހުރި ނަރުދަމާ ޖަންކްޝަންތަކަށްވުރެ އުސްކޮށް މިހާރު ވެލިއަޅާފައިވާ ފަރާތްތަކުން، 31 ޖުލައި 2026 ގެ ކުރިން އެ ވެލިތައް ކަހައި މަގު އެއްވަރު ކުރުމަށްވެސް ކައުންސިލުން ވަނީ އަންގައިފައެވެ.



