މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ޢައްޔަންކުރަން ދެ ބޭފުޅެއްގެ ނަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.
މި މަޤާމަށް ބޭފުޅަކު އައްޔަންކުރުމަށް ރައީސް ނަންތައް ފޮނުއްވާފައިވަނީ، ކުރިން އެ މަޤާމުގައި ހުންނެވި ޙަސަން ޒަރީރު، ފިނޭންސް މިނިސްޓަރުކަމަށް ޢައްޔަންކުރެއްވުމާ ގުޅިގެން އެ މަޤާމު ހުސްވުމާ ގުޅިގެންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އަށް ރައީސް ފޮނުއްވި ސިޓީފުޅުގައި ވާގޮތުން، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެ މަޤާމަށް އައްޔަން ކުރެއްވުމަށް ފެނިވަޑައިގަންނަވާ ދެ ބޭފުޅެއްގެ ނަން ވަނީ ހުށަހަޅުއްވާފައެވެ. އެ ބޭފުޅުންނަކީ:
- މުޙައްމަދު ހަލީމް ޢަބްދުﷲ (ހއ. ތަކަންދޫ، ސާދާގެ)
- ފާތިމަތު އަމީޒާ (ގދ. ގައްދޫ، ކޯޒީރައުންޑް)
މުޙައްމަދު ހަލީމަކީ ޔުނިވަރސިޓީ އޮފް ލަންޑަން އިން ޕްރޮފެޝަނަލް އެކައުންޓެންސީގެ ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލުކުރައްވައި، އެކައުންޓިންގ ދާއިރާގައި ގިނަ ދުވަހުގެ ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ. އޭނާ މިހާރު ހުންނެވީ އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (ސީއޭ މޯލްޑިވްސް) ގެ ރައީސްގެ މަޤާމުގައެވެ.
ފާތިމަތު އަމީޒާއަކީ އޮސްޓްރޭލިއާގެ މޮނާޝް ޔުނިވަރސިޓީން އެކައުންޓިންގ ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ މިހާރު ފުރުއްވަމުން ގެންދަވަނީ މީރާގެ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމެވެ.
މި ދެ ބޭފުޅުންގެ ތެރެއިން މަޤާމަށް ބޭފުޅަކު އައްޔަން ކުރެއްވުމުގެ މައްސަލަ މިހާރު ވަނީ ދިރާސާކުރުމަށްޓަކައި މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީއަށް ފޮނުވާފައެވެ. ކޮމިޝަނަރ ޖެނެރަލްގެ މަޤާމަށް ބޭފުޅަކު އައްޔަން ކުރާނީ ކޮމިޓީން މި ދެ ބޭފުޅުންނާ އިންޓަވިއު ކުރުމަށްފަހު، މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓަކުންނެވެ.


