ތ. ކިނބިދޫގެ ކަރަންޓުގެ ޚިދުމަތް ހަރުދަނާކޮށް، އެ ރަށަށް ދިމާވެފައިވާ ހަކަތައިގެ ދަތިތަކަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި 400 ކިލޯވޮޓްގެ އައު ޖެނެރޭޓަރެއް އިންސްޓޯލްކުރުމުގެ އަމަލީ މަސައްކަތް ފެނަކަ ކޯޕަރޭޝަނުން ފަށައިފިއެވެ.
ފެނަކައިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ކިނބިދޫގެ ކަރަންޓު ނެޓްވޯކްގެ ޤާބިލުކަން އިތުރުކުރުމަށް ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، މިހާރު ކުރިއަށްދަނީ ޖެނެރޭޓަރު ބެހެއްޓުމަށް ބޭނުންވާ ފަންނީ ތައްޔާރީތަކާއި އިންސްޓޯލްކުރުމުގެ އެކި މަރުހަލާތައް ކަމަށެވެ. މީގެ ބޭނުމަކީ ކިނބިދޫގެ ރައްޔިތުންނަށް ދިމާވެފައިވާ ކަރަންޓު ކެނޑުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމެވެ.
ފެނަކައިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، މި އައު ޖެނެރޭޓަރު އިންސްޓޯލްކޮށް ނިމުމާއެކު، ރަށުގެ ކަރަންޓުގެ ހާލަތަށް ބޮޑު ކުރިއެރުމެއް އަންނާނެއެވެ. އަދި މި މަސައްކަތް ނިމުމުން، ރަށުން ކަރަންޓު ކެނޑޭ މައްސަލައަށް ބޮޑު ލުޔެއް ލިބި، ރަށުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ކުރިއެރުމަށް ބޭނުންވާ ހަކަތަ ފުރިހަމައަށް ފޯރުކޮށްދެވޭނެއެވެ.
ރަށްރަށުގެ އިންޖީނުގެތަކުގެ ހާލަތު ރަނގަޅުކުރުމަށް ފެނަކައިން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ކިނބިދޫގައި މި ފެށުނު މަސައްކަތަކީ އެ ރަށުގެ ރައްޔިތުންނަށް ދިގު މުއްދަތަކަށް އޭގެ ފައިދާ ކުރާނެ މުހިންމު މަޝްރޫޢެކެވެ.


