ތައިލެންޑުގެ ބެންކޮކްގައި މިހާރު ކުރިއަށްދާ ޔުނައިޓެޑް ނޭޝަންސް އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޯ އޭޝިއާ އެންޑް ދަ ޕެސިފިކްގެ "ކޮމިޓީ އޮން އެންވަޔަރަންމަންޓް އެންޑް ޑިވެލޮޕްމަންޓް" ގެ ނުވަވަނަ ސެޝަނުގެ ތެރެއިން ބޭއްވި "ބްލޫ ކާބަން ފައިނޭންސް" ހަރަކާތުގެ ޕެނަލް މަޝްވަރާގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.
މި މަޝްވަރާގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ ޑިރެކްޓަރު އަޙްމަދު ވަޙީދެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، އަޙްމަދު ވަޙީދު ވަނީ ދިވެހިރާއްޖޭގެ ބްލޫ ކާބަންގެ މިހާރުގެ ހާލަތާއި، މި ދާއިރާއިން ރާއްޖޭގައި ކުރިން ކުރެވިފައިވާ މުހިންމު މަސައްކަތްތަކުގެ މައްޗަށް ބަލާލާފައެވެ. އަދި، ތިމާވެށި ހިމާޔަތްކުރުމަށާއި މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ރާއްޖޭގައި މިހާރު ކުރިއަށްދާ މުހިންމު ހަރަކާތްތަކާ ގުޅޭގޮތުން ތަފްސީލީ ޕްރެޒެންޓޭޝަނެއް އޭނާ ވަނީ ހުށަހަޅުއްވައިފައެވެ.
މި ޕްރެޒެންޓޭޝަނުގައި ރާއްޖޭގެ ކަނޑުފަޅުތަކާއި ފަރުތަކަކީ ބްލޫ ކާބަން ރައްކާކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ތަންތަންކަން ފާހަގަކުރައްވައި، މިފަދަ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް ބޭނުންވާ މާލީ އެހީތެރިކަމާއި ފަންނީ ގާބިލްކަން އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.
މި ސެޝަނަކީ ދުނިޔޭގެ ތިމާވެށީގެ ދާއިރާގައި ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ގައުމުތަކުގެ މެދުގައި ތަޖުރިބާ ހިއްސާކުރުމަށް ބޭއްވުނު ބައްދަލުވުމެކެވެ.


