މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިންތިޒާމުކޮށްގެން މިހާރު ކުރިއަށްގެންދާ މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯގައި މިރޭ ހަވާ އެރުވުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން ހާމަކުރި ގޮތުގައި ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ މިރޭ 10:00 ހާއިރު، ހުޅުމާލޭ އިރުމަތީ ފަރާތު ބޭރުން މޫދުގައެވެ. އަދި ހަވާ އެރުވުން ކުރިއަށްދާނީ ގާތްގަނޑަކަށް 5 މިނެޓެއް ހާއިރު ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.
މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026 ހެ ތެރެއިން އިއްޔެ ވެސް ވަނީ ހަވާ އެރުވުމުގެ ހަރަކާތެއް ކުރިއަށްގެންގޮސްފައެވެ.
ޖުލައި 2 އިން 4 އަށް ކުރިއަށްގެންދާ މި އެކްސްޕޯއަކީ، ނުވަ އަހަރަށްފަހު، ރާއްޖޭގެ ފައިނޭންޝަލް ސެކްޓަރގައި މަސައްކަތް ކުރައްވާ މުހިންމު ހުރިހާ ފަރާތްތައް، އެއްތަނެއްގައި ބައްދަލުވެ ހިންގާ ޙަރަކާތެކެވެ.
"އެމްޕަވަރިންގ ސަސްޓެއިނަބަލް ފިއުޗަރސް: އިންކްލޫޝަން، އިނޮވޭޝަން އެންޑް އިންޓެލިޖެންސް" މި ޝިޢާރުގެ ދަށުން ބާއްވާ މި އެކްސްޕޯގައި ކޮމާޝަލް ބޭންކުތަކާއި، އިންޝުއަރެންސް ކުންފުނިތަކާއި، ފައިނޭންސް ޚިދުމަތްދޭ ފަރާތްތަކާއި، ޤާނޫނީ ނިޒާމު ބަލަހައްޓާ އިދާރާތަކާއި ސަރުކާރުގެ މުހިންމު އިދާރާތަކުން ބައިވެރިވާނެއެވެ.


