ވ. ރަކީދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް އިންތިޚާބު ކުރުމަށް ބާއްވާ އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ހުޅުވާލައިފިއެވެ.
އީސީން ވަނީ 2026 އޮގަސްޓް 22 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބުގެ ވޯޓާސް ރަޖިސްޓަރީ، މިއަދު އާންމުކޮށްފައެވެ. މި ރަޖިސްޓަރީ މިހާރު ދިވެހިސަރުކާރުގެ ގެޒެޓާއި، އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުގެ އިތުރުން ވ. ރަކީދޫ ކައުންސިލްގެ އިދާރާއިން ފެންނަން ހުންނާނެ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، މި ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވާނީ 2026 ޖުލައި 13 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 01:00 އަށެވެ.
އީސީން ބުނީ، ޝަކުވާ ހުށަހަޅާނީ އޮންލައިންކޮށް އެ ކޮމިޝަނުގެ 'މައިޕޯޓަލް' މެދުވެރިކޮށް ކަމަށެވެ. މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީގައި ހުރި މައުލޫމާތެއް އިޞްލާޙު ކުރުމަށް ނުވަތަ މީހަކު އުނިއިތުރު ކުރުމަށް ޝަކުވާ ހުށަހެޅޭނެއެވެ.
ޝަކުވާ ހުށަހަޅާއިރު، އެ ޝަކުވާއެއްގެ ޞައްޙަކަން ސާބިތުކޮށްދޭނެ ރަސްމީ ލިޔުމެއްގެ ކޮޕީ ހުށަހަޅަންޖެހޭނެ ކަމަށްވެސް އެ ކޮމިޝަނުން މައުލޫމާތުދެއެވެ. އަދި ސިޔާސީ ޕާޓީތަކުން ޝަކުވާ ހުށަހަޅަން ބޭނުންވާނަމަ، އެ ފަރާތްތަކަށް ޚާއްޞަކުރެވިފައިވާ 'ސިމެދަ ޕޯޓަލް' މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.


