ހުޅުމާލޭގެ 110 ނަންބަރު ފްލެޓުގައި ރޭ ދަންވަރުގެ ވަގުތެއްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައި، އެ އެޕާޓްމަންޓުގައި ދިރިނުއުޅެވޭ ވަރަށް މުޅި ތަން އަނދައި ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ބުނީ، މި ހާދިސާ ހިނގިއިރު އެ ގޭގައި ޖުމްލަ ހަތް ދިވެހިން ދިރިއުޅެމުންދިޔަ ކަމަށް ފުލުހުން ބުނެފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 18 އަހަރުން ދަށުގެ ދެ ކުޑަކުދިންނާއި، 18 އަހަރުން މަތީގެ އަންހެނެއްގެ އިތުރުން ހަތަރު ފިރިހެނުންނެވެ.
އަލިފާނުގެ ހާދިސާއާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު:
ފުލުހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ އެޕާޓްމަންޓުގެ ސިޓިންގ ރޫމުގައި އޮތް 'ޓޫލް މެލްޓިންގ ޑިވައިސް' އެއްގައި ރޯވުމުގެ ސަބަބުން ކަމަށް ބެލެވޭ.
މި ހާދިސާ ހިނގިއިރު އެ ގޭގައި… pic.twitter.com/KNyDUJ0jg7— NDMA Maldives (@NDMAmv) July 1, 2026
އަލިފާން ރޯވާން މެދުވެރިވީ އެޕާޓްމަންޓުގެ ސިޓިންގ ރޫމުގައި ބަހައްޓާފައި ހުރި 'ޓޫލް މެލްޓިންގ ޑިވައިސް' އެއްގައި ރޯވުމުގެ ސަބަބުންނެވެ.
މި އަލިފާނުގެ ހާދިސާއާ ގުޅިގެން ޖުމްލަ ފަސް މީހަކަށް ހުޅުމާލެ ހޮސްޕިޓަލުން ދަނީ އަވަސް ފަރުވާ ދެމުންނެވެ. ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ގޮތުގައި ފަރުވާދެމުންދާ މީހުންގެ ތެރެއިން އެކެއްގެ ހާލަތު ވަރަށް ސީރިއަސްއެވެ. އެގޮތުން އެ މީހާގެ އަތާއި ފައިގެ 12 އިންސައްތަ ވަނީ އަލިފާނުގެ ސަބަބުން ފިހިފައެވެ. އަލިފާނުގެ އަސަރު މުޅި އެޕާޓްމަންޓަށް ފެތުރި، ގޭގެ ފަރުނީޗަރާއި ހިފާގެންގުޅޭ ސާމާނުތައް ހަލާކުވެ، އެ ތަނަކީ މިހާރު އިންސާނުން ދިރިއުޅެން އެކަށީގެންވާ ތަނެއް ނޫން ކަމަށް ވަނީ ކަނޑައަޅާފައެވެ.
މި ހާދިސާގެ ސަބަބުން މަގުމަތިވެ، ހާލުގައި ޖެހުނު އާއިލާއަށް އެހީތެރިވުމުގެ މަސައްކަތް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިހާރު ވަނީ ފަށާފައެވެ. އެ އޮތޯރިޓީން މައުލޫމާތު ދިން ގޮތުގައި، އަލިފާނުގައި ހަލާކުވި ގޭގައި ދިރިއުޅުނު މީހުންނަށް ބޭނުންވާނެ ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދިނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އޭގެ އިތުރުން ކާބޯތަކެއްޗާއި އަންނައުނު ފަދަ ޒަރޫރީ އިންސާނީ އެހީތެރިކަން އެ އާއިލާއަށް ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް އެންޑީއެމްއޭ އިން މިހާރު ދަނީ ކުރަމުންނެވެ.


