ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސްކަމުގެ މަގާމަށް، އެ ކޮމިޝަންގެ މެންބަރު މުހައްމަދު ޝަކީލު މިއަދު ޢައްޔަންކުރައްވައިފިއެވެ.
އީސީގެ ރައީސް ކަމަށް ޝަކީލު ޢައްޔަންކުރައްވާފައިވަނީ ޤާނޫނު ނަންބަރު 8/2008 (އިލެކްޝަންސް ކޮމިޝަންގެ ޤާނޫނު) ގެ 7 ވަނަ މާއްދާގައިވާ ގޮތުގެ މަތީންނެވެ. އީސީގެ ރައީސްކަމަށް އޭނާ އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ އިއްޔެއެވެ.
އިއްޔެ ބޭއްވި މަޖިލީހުގެ ޖަލްސާގައި މިކަމަށްޓަކައި ނެގި ވޯޓުގައި އީސީގެ ރައީސް ކަމަށް ޝަކީލް ޢައްޔަންކުރަން ފެންނަ ކަމަށް 51 މެންބަރުން ވޯޓު ދެއްވިއިރު، ނުފެންނަ ކަމަށް ވޯޓު ދެއްވީ 8 މެންބަރުންނެވެ.
މިދިޔަ މަހުގެ 24 ވަނަ ދުވަހު އީސީގެ މެންބަރުކަމުގެ ހުވާ ކުރެއްވި ޝަކީލަކީ ޑިސެމްބަރު 2014 އިން މޭ 2018 އަށް ވެސް އެ ކޮމިޝަނުގެ މެންބަރުކަން އަދި އޭގެ ކުރިން ޑިރެކްޓަރު ޖެނެރަލްގެ މަގާމު ފުރުއްވާފައިވާ، ތަޖުރިބާކާރު ބޭފުޅެކެވެ.
އީސީގެ ރައީސްކަމުގެ މަޤާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި މުޙައްމަދު ޒާހިދު މިދިޔަ މޭމަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.


