ސިނގިރޭޓާއި ދުންފަތުގެ ބައެއް ބާވަތްތަކުން ނަގާ ޑިއުޓީ ކުޑަކުރުމަށްޓަކައި ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައެވެ. ކޮމަންޑޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު އިބްރާހިމް ހުށަހެޅުއްވި މި ބިލު މަޖިލީހަށް ބަލައިގަތުމަށް 68 މެންބަރުންގެ އިއްތިފާގުން ފާސްވިއިރު، މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާކުރުމަށްފަހު ބިލު އޮތްގޮތަށް ފާސްކުރަން ނިންމީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 69 މެންބަރުންގެ އަގުލަބިއްޔަތުންނެވެ. މި ބިލަށް ވެރިކަން ކުރާ ކޯލިޝަނުގެ މެންބަރުންގެ އިތުރުން އިދިކޮޅު އެމްޑީޕީގެ މެންބަރުން ވެސް ވަނީ ވޯޓު ދެއްވާފައެވެ.
މި ބިލާ ގުޅޭގޮތުން މަޖިލީހުގެ ތަޅުމުގައި ބަހުސްކުރެއްވި މެންބަރުން ފާހަގަކުރެއްވި ގޮތުގައި، މީގެ ކުރިން ސިނގިރޭޓުގެ ޑިއުޓީ ބޮޑުވުމުގެ ސަބަބުން އަގު އިންތިހާއަށް އުފުލި، ޒުވާނުން ބިޑި އޮޅަން މަޖުބޫރުވުން ފަދަ އިޖުތިމާއީ މައްސަލަތައް ވަނީ ކުރިމަތިވެފައެވެ. އެހެންކަމުން މި އިސްލާހަކީ ޒުވާނުންގެ އެ ކަންބޮޑުވުންތަކަށް ލިބޭނެ ބޮޑު ހައްލެއް ކަމަށާއި، މި ބިލު ގާނޫނަކަށް ވުމުން ސިނގިރޭޓު ފޮއްޓެއްގެ އަގު ގާތްގަނޑަކަށް 130 ރުފިޔާއަށް ތިރިވާނެ ކަމަށް މެންބަރުން ވިދާޅުވިއެވެ.
ގެނެވުނު ބަދަލުތަކަށް ބަލާއިރު، މިހާރު 8 ރުފިޔާގެ މަގުން ނަގަމުންދާ ސިނގިރޭޓާއި ބިޑީގެ ޑިއުޓީ 4 ރުފިޔާއަށް ކުޑަކުރުމަށް ވަނީ ނިންމާފައެވެ. އަދި އެޑްވެލޮރަމް ޑިއުޓީގެ ގޮތުގައި ނަގާ 50 އިންސައްތަ، 30 އިންސައްތައަށް ދަށްކުރުމުގެ އިތުރުން، ރޯކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުންކުރާ ދުންފަތުގެ އުފެއްދުންތައް ނުވަތަ ހީޓް ޓޮބޭކޯ ޕްރޮޑަކްޓްސްއިން ނަގާ ޑިއުޓީވެސް މި މިންގަނޑުން ހެޔޮކުރުމަށް ވަނީ ހިމަނާފައެވެ.
މީގެ އިތުރުން، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން، ނިކޮޓިން ޗުއިންގަމާއި ނިކޮޓިން ޕެޗް ފަދަ ވަސީލަތްތަކުން ނަގާ ޑިއުޓީ މާފުކުރުމަށްވެސް މި ބިލުގައި ކަނޑައަޅާފައިވެއެވެ. މަޖިލީހުން ފާސްކުރި މި ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވުމާއެކު ގާނޫނަށް އަމަލުކުރަން ފަށާނެއެވެ. އަދި ގާނޫނަށް އަމަލުކުރަން ފަށާ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެއާ ގުޅޭ ގަވާއިދުތަކާއި އުސޫލުތައް އިސްލާހުކޮށް އާންމުކުރަން ޖެހޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.


