ބޮލީވުޑްގެ މަޝްހޫރު ބަތަލާ އާލިއާ ބަޓް، އޭނާގެ އެންމެ ފަހުގެ ޖާސޫސީ (ސްޕައި) ފިލްމު "އަލްފާ" ސިނަމާތަކަށް އަންނަން ކުޑަތަންވެފައި ވަނިކޮށް، ވަރަށް ފުރިހަމަ ސްޓައިލެއްގައި މުމްބާއީ އެއާޕޯޓުން ފެނިއްޖެއެވެ.
މި ހަފުތާގެ ހުކުރު ދުވަހު ބޮޑުސްކްރީނަށް އަންނަން ތައްޔާރުވަމުންދާ މި ފިލްމަކީ ޔާޝް ރާޖް ފިލްމްސް ވައި އާރް އެފް ގެ މަޝްހޫރު "ސްޕައި ޔުނިވާސް" އަށް އާލިއާ ތައާރަފްވާ ފުރަތަމަ ފިލްމެވެ. ބުދަ ދުވަހުގެ ހެނދުނު އެއާޕޯޓުން ފުރަން ދަނިކޮށް އާލިއާ ފެނުނީ، އޭނާގެ ފިލްމުގެ ނަން އަލްފާ" ޖަހާފައިވާ ކަޅުކުލައިގެ ތޮއްޕަކާއި، އޯވަރސައިޒް ބެއިޖް ކުލައިގެ ޓްރެންޗް ކޯޓަކާއި، މަޑު ނޫކުލައިގެ ޖީންސެއްގައެވެ. މީގެ އިތުރުން ކަޅުކުލައިގެ ހީލްސްއަކާއި ބޮޑު ދަބަހަކާއެކު، އަތުން ކޮފީ ތަމްބްލާއެއް ހިފައިގެން ހުރި އާލިއާގެ މި "އެއާޕޯޓް ލުކް" އަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ.
މި ދުވަސްވަރަކީ ފިލްމުގެ ޕްރޮމޯޝަންގެ ކަންކަމުގައި އާލިއާ ވަރަށް ބިޒީކޮށް އުޅޭ ދުވަސްވަރެކެވެ. ބަތަލާ ޝަރުވަރީ ވާގް، ބޮބީ ޑިއޯލް އަދި އަނިލް ކަޕޫރު މުހިންމު ރޯލުތަކުން ފެންނާނެ މި ފިލްމުގެ ކައުންޓްޑައުން ފެށުމުގެ ގޮތުން، އާލިއާ އާއި ޝަރުވަރީ ދަނީ އިންޑިއާގެ އެކި ސިޓީތަކަށް ދަތުރުކުރަމުންނެވެ. އެގޮތުން މި ހަފުތާގެ ކުރީކޮޅު ޖައިޕޫރާއި ޕޫނޭއަށް ގޮސް އެމީހުން ވަނީ ސަޕޯޓަރުންނާ ބައްދަލުކޮށްފައެވެ.
"އަލްފާ" އަކީ ސަލްމާން ޚާންގެ "ޓައިގާ"، ރިތިކް ރޯޝަންގެ "ވޯ" އަދި ޝާހްރުކް ޚާންގެ "ޕަތާން" ހިމެނޭ ވައި އާރް އެފްގެ ސްޕައި ފްރެންޗައިޒް އިތުރަށް ފުޅާވެގެންދާނެ ފިލްމެކެވެ. ފިލްމުގެ ޓްރެއިލާގައި ރިތިކް ރޯޝަންގެ ކެރެކްޓާ ފެނިގެންގޮސްފައިވާއިރު، ފިލްމުގެ އެންމެ ފަހު މަންޒަރުތަކުން "ޕަތާން 2" ނުވަތަ ގިނަ ބަޔަކު އިންތިޒާރުކުރާ "ޓައިގާ ވާސަސް ޕަތާން" ފިލްމަށް މަގުފަހިވާނެ ފަދަ އިޝާރާތެއް ލިބޭނެތޯ ބެލުމަށް ސަޕޯޓަރުން ތިބީ ކެތްމަދުވެފައެވެ.


