ރާއްޖޭގެ އުތުރުގެ ބައެއް އަތޮޅުތަކަށް މޫސުން ގޯސްވެ، ވިއްސާރަކުރާނެ ކަމަށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފިއެވެ.
މެޓް އޮފީހުން މިއަދު ހަވީރު 18:00 އާ ހަމައަށް މޫސުން ކުރިއަށްލަފާކޮށްފައިވާ ގޮތަށް ބަލާއިރު، އުތުރުގެ ރަށްތަކަށް ވިއްސާރަކުރުމާއެކު ގުގުރުންވެސް އެކަށީގެންވެއެވެ. އަދި ރާއްޖޭގެ އެހެން ހިސާބުތަކަށްވެސް ކެރީގެ އަސަރު ކުރާނެ ކަމަށް އެ އިދާރާއިން ބުނެއެވެ.
ވައިގެ ދަތުރުތަކަށް ބަލާއިރު، ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި އެހެން ހިސާބުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭއިރު، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވެއެވެ.
މޫސުމާ ބެހޭ އިދާރާއިން ހާމަކުރި ގޮތުގައި، ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެއެވެ. ނަމަވެސް އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި، ވިލާގަނޑުގައި ކަނޑުތައް އިތުރަށް ގަދަވެގެންދާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.



