މާލެ ސަރަޙައްދުގައި ހުކުރު ކުރަމުންދާ ޒުވާން ޚަޠީބުންގެ ތެރެއިން ފާހަގަކޮށްލެވޭ ބައެއް ޚަޠީބުންނާ އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމާ ގުޅޭގޮތުން ވަޒީރު ޑރ. ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާލެ ދާއިރާގެ ޒުވާން ޚަޠީބުންނާ ބައްދަލުކުރެއްވުމުގެ މައިގަނޑު މަޤޞަދަކީ އެ ކުދިންގެ ކުރިމަގަށް ހުރި ފުރުޞަތުތަކާ ގުޅޭގޮތުން މަޝްވަރާކުރުން ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އެހެނިހެން ސަރަޙައްދުތަކުގައި ޚުޠުބާ ކިޔަމުންދާ ޒުވާން ޚަޠީބުންނާ ވެސް ބައްދަލުކުރައްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މާލެ ދާއިރާގައި ޚުޠުބާކިޔަމުންދާ ޒުވާން ޚަޠީބުންގެ ތެރެއިން ފާހަގަކޮށްލެވޭ ބައެއް ޚަޠީބުންނާ ބައްދަލުކުރުން. އިރާދަކުރެއްވިއްޔާ އެހެނިހެން ސަރަޙައްދުތަކުގެ ޚަޠީބުންނާ ވެސް ބައްދަލުކުރާނަން. މިއަދު މަޝްވަރާކުރެވުނީ ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއާ ބެހޭ ގޮތުންނާއި، ޒުވާން… pic.twitter.com/yPD9GeAZx4
— Mohamed Shaheem Ali Saeed (@Mohamedshaheem1) June 29, 2026
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނު ކަންތައްތަކުގެ ތެރޭގައި "ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާ" ބޭއްވުމާ ބެހޭގޮތުން ކުރެވުނު މަޝްވަރާތައް ހިމެނެއެވެ. މީގެ އިތުރުން، އިސްލާމީ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލްކުރަން ޝައުޤުވެރިވާ ޒުވާން ޚަޠީބުންނަށް ޢަރަބި އިސްލާމީ ޔުނިވަރސިޓީތަކުން ފުރުޞަތު ހޯދައިދިނުމާއި، އެކި ދާއިރާތަކުން މަތީ ތަޢުލީމު އުނގެނުމަށް ޚާއްޞަ ސްކޮަލަރޝިޕް ސްކީމެއް ތަޢާރަފްކުރުމާ ގުޅޭގޮތުން ވެސް ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައެވެ.
ވަޒީރު ޑރ. ޝަހީމް އިތުރަށް ވިދާޅުވީ، ޚުޠުބާ ކިއުމުގެ އިތުރުން މިސްކިތްތަކުގެ އިމާމުންގެ ގޮތުގައި ދާއިމީކޮށް މަސައްކަތް ކުރަން ބޭނުންވާ ޒުވާން ޚަޠީބުންނަށް އެ މަގު ފަހިކޮށްދިނުމަށް ކުރެވިދާނެ ކަންތައްތަކާ މެދު ވެސް މި ބައްދަލުވުމުގައި ޚިޔާލު ބަދަލުކުރެވުނު ކަމަށެވެ.




