ސިނގިރޭޓުން ނަގާ ޑިއުޓީގެ އަގު ކުޑަކުރުމަށް ސަރުކާރުގެ ފަރާތުން ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް ހުށަހެޅި އިސްލާހު، ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހު، ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީން މިއަދު ވަނީ އެއްވެސް ބަދަލެއް ނުގެނެސް، ވޯޓުގައި ބައިވެރިވެވަޑައިގަތް 69 މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައެވެ.
ކޮމަންޑޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު އިބްރާހީމް މިދިޔަ ޖޫން މަހުގެ 22 ވަނަ ދުވަހު މަޖިލީހަށް ހުށަހެޅުއްވި މި ބިލުގެ މައިގަނޑު ބޭނުމަކީ ސިނގިރޭޓާއި ހީޓެޑް ޓޮބޭކޯ ޕްރޮޑަކްޓްސް އިން ނަގާ ޑިއުޓީގެ އަގުތަކަށް ބަދަލުތަކެއް ގެނައުމެވެ.
މި އިސްލާހުގެ ދަށުން، މިހާރު ސިނގިރޭޓަކުން ނަގަމުންދާ 8 ރުފިޔާގެ ޑިއުޓީ 4 ރުފިޔާއަށް ކުޑަކުރުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން، ރޯކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުންކުރާ ދުންފަތުގެ އުފެއްދުންތަކުން ނަގާ ޑިއުޓީ ވެސް 4 ރުފިޔާއަށް ބަދަލުކޮށް، އޭގެ އެޑްވެލޮރަމް ޑިއުޓީ 30 އިންސައްތައަށް ކަނޑައެޅުމަށް ވަނީ ހަމަޖެހިފައެވެ. މި ބަދަލުތަކާއެކު، ދުންފަތުގެ ނުރައްކާތެރި އާދައިން ދުރުވުމަށް ބޭނުންކުރާ ސިއްހީ ވަސީލަތްތައް ކަމަށްވާ ނިކޮޓިން ޗުއިންގަމާއި ނިކޮޓިން ޕެޗް ފަދަ ތަކެތިން ނަގާ އިމްޕޯޓް ޑިއުޓީ މައާފުކުރުމަށް ވެސް ބިލުގައި ހިމަނާފައިވެއެވެ. ސަރުކާރުން ބަޔާންކުރާ ގޮތުގައި މި އިސްލާހުގެ މައިގަނޑު މަގުސަދަކީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް ބާރުއެޅުމާއި، ރާއްޖޭގެ ދިރިއުޅުމުގެ އާދަކާދަތައް ދުޅަހެޔޮ މިސްރާބަކަށް ބަދަލުކުރުމަށް އިގްތިސޯދީ ގޮތުން މަގުފަހިކޮށްދިނުމެވެ.
ނޮވެންބަރު 2024 ގައި ދުންފަތުގެ ޑިއުޓީ ބޮޑުކުރުމާ ގުޅިގެން ކުރިން 110 ރުފިޔާއަށް ލިބުނު ސިނގިރޭޓް ފޮއްޓެއްގެ އަގު 250 ރުފިޔާއަށް އުފުލި، ސިނގިރޭޓް ވިޔާފާރި ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އޭގެ ބަދަލުގައި އަމިއްލައަށް ސިނގިރޭޓް އުފައްދާ ތަކެތީގެ ވިޔަފާރި އިތުރުވެ، ވަގަށް ސިނގިރޭޓް އެތެރެކުރުމުގެ ކަންބޮޑުވުންތައް ބޮޑުވުމަކީ މި ލުއި ދޭންޖެހުނު ސަބަބެއްގެ ގޮތުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ މީގެ ކުރިން ފާހަގަކުރައްވާފައެވެ. މި ބަދަލާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ދުންފަތުގެ ޑިއުޓީގެ ކަންކަމުގައި ސަރުކާރުން "ޔޫ ޓާނެއް" ނުނަގާ ކަމަށާއި، މިއީ ހަމައެކަނި ކޮންމެހެން ގެންނަންޖެހުނު މުހިންމު ބަދަލެއް ކަމަށެވެ.




