ފްރާންސްގެ ޕެރިހުގައި ބޭއްވި 'އެލަޔަންސް ފޯ ޓްރާންސްފޯމޭޓިވް އެކްޝަން އޮން ކްލައިމެޓް އެންޑް ހެލްތު' (ATACH) ގެ ހައި-ލެވެލް ސްޓްރެޓީޖިކް ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.
މި ބައްދަލުވުމަކީ މޫސުމީ ބަދަލުތަކާއި ސިއްހަތާ ގުޅުންހުރި ބޮޑެތި ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، ދުނިޔޭގެ އެކި ގައުމުތަކުގެ މިނިސްޓަރުންނާއި، ބައިނަލްއަގުވާމީ އިދާރާތަކުގެ އިސްވެރިންގެ އިތުރުން ކަމާބެހޭ މާހިރުން އެއްވެ، އަމަލީ ފިޔަވަޅުތައް ވަރުގަދަކުރުމަށް ބޭއްވި މުހިންމު ސަމިޓެކެވެ. މިއީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ޞިއްޙީ ދާއިރާއިން ބައިނަލްއަގުވާމީ ފެންވަރުގައި ވެފައިވާ ވައުދުތައް ތަންފީޒުކުރުމަށް މަގުފަހިވެގެންދިޔަ މުހިންމު ފުރުސަތެކެވެ.
މި ބައްދަލުވުމުގެ މިނިސްޓީރިއަލް ރައުންޑްޓޭބަލް ސެގްމެންޓްތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނީ، މޫސުމީ ގޮންޖެހުންތަކަށް ކެތްކުރެވޭނެ ފަދަ ދެމެހެއްޓެނިވި ޞިއްޙީ ނިޒާމުތަކެއް ބިނާކުރުމަށާއި، ދާއިރާތައް ގުޅިގެން މަސައްކަތްކުރެވޭނެ ހަރުދަނާ ހިންގުމުގެ ނިޒާމެއް ގާއިމުކުރުމުގެ މައްޗަށެވެ.
ބައްދަލުވުމުގެ ތެރެއިން ރާއްޖެއިން ވަނީ މޫސުމީ ސިޔާސަތުތައް އަމަލީ ގޮތުން ތަންފީޒުކުރުމަށް ބައިނަލްއަގުވާމީ ލީޑަރުންނާއެކު ވަކާލާތުކޮށްފައެވެ. އަދި ރާއްޖޭގެ ޞިއްޙީ ދާއިރާ މޫސުމީ ބަދަލުތަކަށް ކެތްކުރެވޭ ދާއިރާއަކަށް ހެދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލުތައް ހިއްސާކުރިއެވެ.
މިގޮތުން، ދާއިރާތައް ގުޅިގެން ކުރާ މަސައްކަތްތައް ކާމިޔާބުކުރެވޭނީ ރަށު ފެންވަރުގައި ކަމަށްވާތީ، ރަށްރަށުގެ ކަމާބެހޭ ފަރާތްތަކާއި އާންމު މުޖުތަމައުއާއެކު ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރިއެވެ. މީގެ އިތުރުން، މޫސުމީ ލޮޅުންތަކަށް ޞިއްޙީ އުމްރާނީ ވަސީލަތްތައް ހޭނުވުމަށްޓަކައި ރާއްޖޭގެ 4 ހޮސްޕިޓަލެއްގައި މިހާރު ޕައިލެޓް ޕްރޮޖެކްޓެއް ފަށާފައިވާކަންވެސް ހާމަކުރިއެވެ.
ޞިއްޙީ ދާއިރާ ތިމާވެއްޓާ ރައްޓެހި ދާއިރާއަކަށް ހެދުމަށްޓަކައި، ވިހަ ގޭސްތައް ބޭރުކުރާ މިންވަރު މަދުކުރުމަށާއި ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ހިދުމަތް ކަށަވަރުކުރުމަށް ޞިއްޙީ މަރުކަޒުތައް ސޯލާރައިޒްކުރުމަށް ރާއްޖެއިން ދޭ އިސްކަން މި ބައްދަލުވުމުގައި ފާހަގަކުރިއެވެ. އަދި ތިމާވެއްޓާ ރައްޓެހި މެޑިކަލް ކުނި ނައްތާލުމުގެ ނިޒާމުތަކާއި މޫސުމަށް ފެތޭ ސަޕްލައި ޗެއިންތައް ގާއިމުކުރުމަށް ކުރާ މަސައްކަތްތަކަށްވެސް އަލިއަޅުވާލިއެވެ.




