އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސްކަމުގެ މަގާމަށް، އެ ކޮމިޝަންގެ މެންބަރު މުހައްމަދު ޝަކީލު އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ ގާނޫނުގެ 7 ވަނަ މާއްދާގެ (ށ) އާ އެއްގޮތްވާ ގޮތުގެމަތިން ރައީސް ފޮނުއްވި ސިޓީ މަޖިލީހުގެ ތަޅުމުގައި އިއްވުމަށްފަހު، މި މައްސަލަ ދިރާސާ ކުރުމަށް މިހާރު ވަނީ މިނިވަން މުވައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފައެވެ.
މި މަހުގެ 24 ވަނަ ދުވަހު އީސީގެ މެންބަރުކަމުގެ ހުވާ ކުރެއްވި ޝަކީލަކީ މީގެކުރިންވެސް (ޑިސެމްބަރު 2014 އިން މެއި 2018 އަށް) އެ ކޮމިޝަނުގެ މެމްބަރުކަން އަދި އޭގެ ކުރިން ޑިރެކްޓަރު ޖެނެރަލްގެ މަގާމު ފުރުއްވާފައިވާ، ތަޖުރިބާކާރު ބޭފުޅެކެވެ.
އީސީގެ ރައީސްކަމުގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި މުޙައްމަދު ޒާހިދު މިދިޔަ މެއި މަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.




