އާންމު ސިއްހަތު ރައްކާތެރިކުރުމަށާއި، ދުންފަތުގެ އިސްތިއުމާލުކުރުން ފަދަ ނޭދެވޭ އާދަތަކުން ދިވެހި މުޖުތަމައު ސަލާމަތްކުރުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ދޭ ފަދަ ބޮޑު އަހައްމިއްޔަތުކަމެއް މީގެ ކުރިން އެއްވެސް ސަރުކާރަކުން ދީފައިނުވާ ކަމަށް ސިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް ފާހަގަކުރުމަށް މ. މުލަކުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، މީގެ ކުރިން ދުންފަތް ކޮންޓްރޯލް ކުރުމުގެ މަސައްކަތުން އެދެވޭ ކާމިޔާބެއް ނުލިބުމުން އޮތް މާޔޫސްކަން މިއަދު ނެތިގޮސް، އެ ހާލަތު ބަދަލުވެފައިވާ ކަމަށެވެ.
މި ރަސްމިއްޔާތުގެ ތެރެއިން ވަނީ ދުންފަތް ކޮންޓްރޯލް ކުރުމުގެ ގައުމީ ކެމްޕޭން ރަސްމީކޮށް އިފްތިތާޙްކޮށްފައެވެ. މިއީ ހޭލުންތެރިކަން އިތުރުކުރުމާއި، ދުންފަތުގެ އާދަ ދޫކޮށްލަން ބޭނުންވާ ފަރާތްތަކަށް ސިއްހީ ދާއިރާގެ ތެރެއިން ދޭ 'ސެޒޭޝަން' (ހުއްޓާލުމަށް އެހީވުމުގެ) ޚިދުމަތް ފުޅާކުރުމުގެ އިތުރުން، ގާނޫނުތައް ހަރުދަނާކޮށް ތަންފީޒުކުރުމަށް ފަރުމާކޮށްފައިވާ ވަށާޖެހޭ މަސައްކަތެކެވެ. މީގެ މައިގަނޑު މަގްސަދަކީ ދައުލަތުގެ މުއައްސަސާތަކާއި މަދަނީ ޖަމްޢިއްޔާތައް ގުޅިގެން، ދެމެހެއްޓެނިވި ގޮތެއްގައި ދުންފަތުގެ ނުރައްކަލުން ގައުމު ސަލާމަތްކުރުމެވެ.
ވަޒީރު ޤީލާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ވޭޕް އެތެރެކޮށް ވިއްކުން މަނާކުރުމާއި ވަކި އުމުރަކުން ފެށިގެން ދުންފަތް މަނާކުރާ 'ޖެނެރޭޝަނަލް ބޭން' ތައާރަފްކުރުން ފަދަ ތާރީޚީ އަދި ހަރުދަނާ ފިޔަވަޅުތަކެއް ފާއިތުވި ދެ އަހަރު ތެރޭގައި ސަރުކާރުން ވަނީ ތަންފީޒުކުރަން ފަށާފައެވެ. އަދި ދުންފަތް ކޮންޓްރޯލްކޮށް، އަންނަން އޮތް ޖީލުތައް ސަލާމަތްކުރުމަށް ސަރުކާރުން އަޅަމުންދާ މިފަދަ ވަށާޖެހޭ ފިޔަވަޅުތަކުގެ ހެޔޮ ނަތީޖާ، މާތްﷲގެ އިރާދަފުޅާއެކު މާލަހެއް ނުވެ މުޖުތަމައުން ފެނިގެންދާނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.




