ރާއްޖޭގެ ބޭންކުތަކުން ބޭރުގެ މުއާމަލާތްތަކަށް ކަނޑައަޅާފައިވާ ހުރަސްތަކަކީ މިވަގުތުގެ މާލީ ހާލަތަށް ބަލާއިރު ގައުމުގެ އިގްތިސާދު ހަމަހަމަކަންމަތީ ހިފެހެއްޓުމަށްޓަކައި ކޮންމެހެންމެ ގެންގުޅެންޖެހޭ މިންގަނޑުތަކެއް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ''ޕްރެސަ ވިތު ދަ ސްޕޯކްސް'' ގައި ވާހަކަދައްކަވަމުން މުންދު ވިދާޅުވީ ރާއްޖޭގެ މާލީ ދާއިރާ އާންމުގޮތެއްގައި ދުޅަހެޔޮ ނަމަވެސް، ބޭންކުތަކުގައި ހުންނަ ބޭރު ފައިސާގެ ރިޒާވް ނުރައްކާތެރި މިންވަރަކަށް ދަށަށްދިޔަ ނުދިނުމަކީ މުޅި ބޭންކިން ނިޒާމުގެ ރައްކާތެރިކަމާ ގުޅިފައިވާ ކަމެއް ކަމަށެވެ.
އަދި ބޭންކުތަކުން ކަސްޓަމަރުންނަށް ޑޮލަރު ދޫކުރަމުންދަނީ އެ ތަންތަނަށް ބޭރު ފައިސާ ވަންނަމުންދާ ނިސްބަތަށް ބަލައި، ހެދިފައިވާ ގަވާއިދުތަކުގެ ތެރެއިން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ބޭރުގެ ބާޒާރުތަކުން ވިޔަފާރިކުރުމަށް ދިވެހިން ކުރާ ހޭދަ ބޮޑުތަނުން އިތުރުވެފައިވާކަން ފާހަގަކުރައްވަމުން ތަރުޖަމާނު ވިދާޅުވީ، ފާއިތުވި އަހަރާ އަޅާބަލާއިރު ކާޑުތައް މެދުވެރިކޮށް ހިންގާ މުއާމަލާތްތަކުގެ އަދަދު ވަރަށް ބޮޑަށް މައްޗަށް ގޮސްފައިވާ ކަމަށެވެ. އެގޮތުން 2023 ވަނަ އަހަރު ބީއެމްއެލް ކާޑުތަކުން މަހެއްގެ މައްޗަށް އެވްރެޖްކޮށް 1.9 ލައްކަ މުއާމަލާތް ކުރިއަށްދިޔަ ނަމަވެސް، މިހާރު އެ އަދަދު ވަނީ 3 ލައްކައަށްވުރެ މައްޗަށް އަރާފައެވެ.
މީގެ އިތުރުން، ކާޑުތަކުން މަހުން މަހަށް ކުރާ ހޭދަ 25 މިލިއަން ޑޮލަރުން 50 މިލިއަން ޑޮލަރަށް އުފުލިފައިވާކަން ފާހަގަކުރައްވަމުން މުންދު ވިދާޅުވީ، ބޭންކުތަކުން ބޭރު ފައިސާ ހިފަހައްޓަނީ ގަސްތުގައި ނޫން ކަމަށާއި، ލިބޭ މިންވަރަކުން އެ ފައިސާ ދޫކުރަމުންދާ ކަމަށެވެ.
ސަރުކާރުގެ ތަރުޖަމާނު އިތުރަށް ބަޔާންކުރެއްވި ގޮތުގައި، ރާއްޖެއަށް ބޭރު ފައިސާ ވަންނަނީ ވަކި މޫސުންތަކަކަށް ބެހިގެންނެވެ. އަދި މީރާއަށް ލިބޭ ޓެކްސް ފައިސާގެ އާމްދަނީއަކީ ވެސް އެފަދަ އުސޫލަކުން ހިނގާ އެއްޗެކެވެ. މީގެ އިތުރުން، އޮންލައިންކޮށް ކޮންޓެންޓް އުފައްދާ ފަރާތްތަކާއި (ކްރިއޭޓަރ އިކޮނޮމީ) އީ-ކޮމާސްގެ ވިޔަފާރިތައް ރާއްޖޭގައި ފުޅާވަމުންދާތީ، އެކި ކަހަލަ ޑިޖިޓަލް ޚިދުމަތްތަކުގެ ސަބްސްކްރިޕްޝަންތަކަށް ޑޮލަރު ބޭނުންވާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ނަމަވެސް، މި ހުރިހާ ބަދަލުތަކަކާއެކުވެސް މާލީ މުއާމަލާތްތައް ބައްޓަންކުރަންޖެހޭނީ ބޭންކިން ނިޒާމުގެ ހަމަޖެހުމަށް ލޮޅުމެއް ނާންނާނެ ގޮތެއްގެ މަތިން ކަމަށް ސަރުކާރުން ހާމަކުރެއެވެ.




