މަސްތުވާތަކެއްޗަކީ މުޅި މުޖުތަމަޢުގެ ބަދަހިކަމަށް އަސަރުކުރުވާ، އިޖުތިމާޢީ، އިޤްތިޞާދީ، އަޚްލާޤީ އަދި ޤައުމީ ސަލާމަތަށް ހުރި ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ސިފަކުރައްވައި، މަސްތުވާތަކެތީގެ ބޭނުންކުރުމާއި އޭގެ ޣައިރުޤާނޫނީ ވިޔަފާރިއާ ދެކޮޅަށް މިހާރަށްވުރެ ވަރުގަދައަށް ފިޔަވަޅުއެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.
އެމަނިކުފާނު މިފަދައިން ގޮވާލެއްވީ، މަސްތުވާތަކެތީގެ ބޭނުންކުރުމާއި އޭގެ ޣައިރުޤާނޫނީ ވިޔަފާރިއާ ދެކޮޅަށް ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަކުރާ ދުވަހާ ގުޅިގެން ފޮނުއްވި ޚާއްޞަ މެސެޖެއްގައެވެ.
މި މެސެޖުގައި ރައީސް ވިދާޅުވީ، މިއަހަރުގެ ބައިނަލްއަޤުވާމީ ޝިއާރު ކަމުގައިވާ "ދުނިޔޭގެ މަސްތުވާތަކެތީގެ މައްސަލަ: ދެމިއޮތް ކަންބޮޑުވުންތައް، އާ ގޮންޖެހުންތައް، އާ އީޖާދީ ހައްލުތައް" މި ޝިއާރުގެ ދަށުން މަސައްކަތް ކުރުމުގައި ދިވެހިރާއްޖެ އޮތީ ބައިނަލްއަޤުވާމީ މުޖުތަމަޢާއެކުގައި ކަމަށެވެ. އަދި މި ނުރައްކާތެރި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަކީ ޤައުމުގެ މުސްތަޤްބަލާއި ޒުވާނުން ރައްކާތެރިކުރުމަށާއި ހިމާޔަތްކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މަސްތުވާތަކެތީގެ ބޭނުންކުރާ މީހުންނަށް ފަރުވާދިނުމާއި އަލުން މުޖުތަމަޢަށް ނެރުމުގެ ޚިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން، މިއަހަރުގެ ފަހުކޮޅު މުޅިން އަލަށް، ވަށާޖެހޭ ފުރިހަމަ ޚިދުމަތްދެވޭނެ ތިން ރިހެބިލިޓޭޝަން ސެންޓަރު ހުޅުވުމަށް ރޭވިފައިވާކަން ރައީސް ހާމަކުރެއްވިއެވެ. މީގެއިތުރުން، މިފަހުން ގެނެވުނު ޤާނޫނީ އިޞްލާޙުތަކުގެ ސަބަބުން، ކަމާގުޅުންހުރި މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން ވަރުގަދަވެ، އިޖުރާއީ ހާމަކަން އިތުރުވެ، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކްތައް ރޫޅާލުމާއި ކުށްވެރިން ޖަވާބުދާރީކުރުމަށް ކުރެވޭ މަސައްކަތްތައް ހަރުދަނާވެފައިވާ ކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސްގެ މެސެޖު ނިންމަވާލެއްވީ، މަސްތުވާތަކެތިން ސަލާމަތްވެފައިވާ ޤައުމެއް ބިނާކުރުމަށްޓަކައި އާއިލާތަކާއި، މުޖުތަމަޢުތަކާއި، މަދަނީ ޖަމްޢިއްޔާތަކާއި، ޕްރައިވެޓް ސެކްޓަރ ގުޅިގެން މަސައްކަތް ކުރުމަށް އިލްތިމާސްކުރައްވަމުންނެވެ. އަދި އެކަކު އަނެކަކަށް އަޅާލުމާއި، އޯގާތެރިވުމުގެ އިތުރުން، ފުރުޞަތުތައް ފަހިކޮށްދީގެން، އަމިއްލަ ނަފްސަށް ފައިދާހުރި ގޮތްތައް އިޚްތިޔާރުކުރުމަށް ފަރުދުންނަށް ބާރުވެރިކަންދީ، މިއަށްވުރެ ވަރުގަދަ އަދި ކަންކަމާ ކުރިމަތިލެވޭ ފަދަ ޤައުމެއް ބިނާކުރެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްކަމަށް ރައީސް ވިދާޅުވިއެވެ.


