ރާއްޖޭގެ ސިއްޙީ ދާއިރާ ޒަމާނީކުރުމަށް އެކުލަވާލި "މޯލްޑިވްސް ޑިޖިޓަލް ހެލްތު ބްލޫޕްރިންޓް 2026-2030" ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
މިބްލޫޕްރިންޓް އިފްތިތާހުކޮށްފައިވަނީ ރޭ އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއާއި، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކްގެ އިތުރުން ޖަޕާނު ސަރުކާރުގެ މާލީ އަދި ފަންނީ އެހީތެރިކަމާއެކު ތައްޔާރުކުރި މި ބްލޫޕްރިންޓަކީ، ސަރުކާރުގެ "މޯލްޑިވްސް 2.0: ޑިޖިޓަލް ފަސްޓް ނޭޝަން" ސިޔާސަތު ކާމިޔާބުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސިއްޙީ ވުޒާރާއިން ފާހަގަކުރެއެވެ.
މި ބްލޫޕްރިންޓްގައި ރާއްޖޭގެ ސިއްޙީ ނިޒާމު ޑިޖިޓަލައިޒް ކުރުމަށް ގެންގުޅޭނެ ޤައުމީ ތަޞައްވުރާއި، ރައްކާތެރި އަދި ރައްޔިތުންނަށް ފަސޭހަ ނިޒާމެއް ބިނާކުރުމަށް ބޭނުންވާ ހިންގުމުގެ އޮނިގަނޑުތަކާއި އަސާސީ އިންވެސްޓްމަންޓްތަކުގެ ތަފްޞީލުތައް ވަނީ ހިމަނާފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ، އަލފާޟިލާ ގީލާ ޢަލީ ވިދާޅުވީ، ރައްޔިތުންނަށް ފަސޭހަކަމާއެކު އިތުބާރު ހުރި ސިއްޙީ ޚިދުމަތްތަކެއް ކަށަވަރުކޮށްދިނުމަށްޓަކައި މިފަދަ ޑިޖިޓަލް ބަދަލެއް ގެނައުމަކީ މިވަގުތަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.

މި ބްލޫޕްރިންޓް އިފްތިތާޙްކުރުމަށްފަހު، ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނީ ކުރިއަށް އޮތް 12 މަހާއި 18 މަސްދުވަހުގެ ތެރޭގައި މީގެ ތެރެއިން ކަނޑައެޅިފައިވާ މުހިންމު ލަނޑުދަނޑިތައް ހާސިލުކުރުމަށެވެ. އޭގެ ތެރޭގައި ޑިޖިޓަލް ސިއްޙީ ނިޒާމުގެ ހިންގުން ހަރުދަނާކުރުމާއި، އެކި ސިސްޓަމްތައް އެއްވިއުގައަކުން ގުޅާލުމުގެ އިތުރުން، މުވައްޒަފުން ތަމްރީނުކޮށް، ކުރިމަގުގައި މި ދާއިރާއަށް ކުރެވޭ އިންވެސްޓްމަންޓްތައް މަންފާހުރި ގޮތެއްގައި ބޭނުންކުރުން ހިމެނެއެވެ.




