ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާ ވަކިން ބައްދަލުކުރަން ބޭނުންވާ ރައްޔިތުންނަށް އެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ "ނޭޝަން ޗެޓް" ޕޮޑްކާސްޓްގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ކޮންމެ ހަފްތާއެއްގެވެސް އެއް ދުވަސް ނުވަތަ ދެ ދުވަހުގެ ވަކި ވަގުތުތަކެއް ކަނޑައަޅައިގެން، ޚާއްޞަ އުސޫލެއްގެ ދަށުން ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ އިންތިޒާމުތައް މިހާރު ރާވަމުން އަންނަ ކަމަށެވެ.
މި ބައްދަލުވުންތައް ކުރިއަށްދާނީ ރާއްޖޭގެ އިންތިޚާބީ ދާއިރާތައް ވަކިވަކިން ބަހާލައިގެން، ކޮންމެ ދާއިރާއަކުންވެސް ކަނޑައެޅޭ ވަކި އަދަދެއްގެ ރައްޔިތުންނާ އެކުގައެވެ. ރައީސް ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ 93 ދާއިރާގެ ހުރިހާ ރައްޔިތުންނާ ބައްދަލުކޮށް ނިންމުމަށް އަހަރެއްހާ ދުވަސް ހޭދަވެދާނެއެވެ.
"ހަފްތާއަކު އެއް ދުވަހު ނުވަތަ ދެ ދުވަހު ބައްދަލުކުރި ނަމަވެސް، ދައުލަތުގެ އެހެނިހެން މަސްއޫލިއްޔަތުތަކާއި ރަސްމީ ދަތުރުފުޅުތައް ހުންނަ ގޮތުން ހުރިހާ ދާއިރާއެއް ފުރިހަމަކުރަން އަހަރެއްހާ ދުވަސް ނަގާފާނެ. އެހެންވިޔަސް، ކޮންމެ ދާއިރާއަކުން 10 އަކަށް ނުވަތަ 15 ވަރަކަށް އާއިލާއާ ބައްދަލުވިޔަސް، ގިނަ ބަޔަކަށް އެމީހުންގެ ޝުއޫރުތަކާއި ކަންބޮޑުވުންތައް ހިއްސާކުރުމުގެ ފުރުސަތު ލިބޭނެ،" މާފަންނު އުތުރު ދާއިރާ މިސާލެއްގެ ގޮތުގައި ނަންގަވަމުން ރައީސް ވިދާޅުވިއެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސިޔާސަތަކީ އަބަދުވެސް ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތް ކުރެއްވުން ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އަތޮޅުތެރެއަށް ކުރައްވާ ދަތުރުފުޅުތަކުގައިވެސް ރަށްރަށުގެ ރައްޔިތުންނާ ވަކިވަކިން ބައްދަލުކުރުމަށް ވަގުތު ހުސްކުރައްވާނެ ކަމަށް ވިދާޅުވިއެވެ. މީގެކުރިން ކުރެއްވި ދަތުރުފުޅުތަކުގައި މުއައްސަސާތަކާއި ރައްޔިތުންގެ މަންދޫބުން ކަމަށްވާ ކައުންސިލްތަކަށް އިސްކަންދެއްވި ނަމަވެސް، ދެން އޮތް ބައިގައި އާންމު ރައްޔިތުންނާ ބައްދަލުކުރެވޭނެ އުސޫލެއް ޤާއިމުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.
މީގެކުރިން މާލޭގެ އަވަށްތަކަށް އަމާޒުކޮށްގެން ބޭއްވި ބައްދަލުވުންތަކުގައި ރައްޔިތުން ހުށަހެޅި ގިނަ ކަންތައްތަކަކަށް ޙައްލު ހޯއްދަވައިދެއްވާފައިވާނެ ކަމަށާއި، އެއްވެސް ފަރާތެއްގެ ކަމެއް ނުނިމި ނުވަތަ ޖަވާބެއް ނުލިބި އޮތް ނަމަ އެކަމެއް ސަމާލުކަމަށް ގެނައުމަށް ރައީސް އެދިވަޑައިގަތެވެ. ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަކީ ވަރަށް ސީރިއަސްކޮށް ބައްލަވާ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައްޔިތުންގެ ފަރާތުން އެންމެ ގިނައިން ލިބެނީ ބޯހިޔާވަހިކަމާއި ފްލެޓްތަކާ ގުޅޭ ޝަކުވާތައްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މާކްސް ދިނުމުގައި ހުރި މައްސަލަތައް ބަލައި ގިނަ ބަޔަކަށް މިހާރު ޖަވާބުދެވިފައިވާނެ ކަމަށެވެ. އަދި މަސައްކަތްތައް ހުންނަ ގޮތުން އެމަނިކުފާނަށް ސީދާ ބައްދަލުނުކުރެވޭ ހާލަތްތަކުގައިވެސް، ރައީސް އޮފީހުގެ މިނިސްޓަރުން ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ކަންބޮޑުވުންތައް އެމަނިކުފާނާ ހަމައަށް ގެންނަވައިގެން ގޮތްތަކެއް ނިންމަވަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.




