އަމާނާތްތަކަށް ރައްކާތެރިވުމަކީ އީމާންކަމުގެ ފުރިހަމަކަމުގެ ތެރެއިން ހިމެނޭ މުހިންމު ކަމެއް ކަމަށާއި، އެއީ މުޅި މުޖުތަމަޢަށް އޭގެ އެންމެ ފުރިހަމަ މަންފާކުރާނޭ މަތިވެރި ސިފައެއް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ގޮވާލައިފިއެވެ.
މިއަދުގެ ހުކުރު ޚުތުބާގައި ނަސޭހަތްތެރިވެފައިވަނީ އަމާނާތްތަކަށް ރައްކާތެރިވުމަށެވެ. އެގޮތުގައި، އަމާނާތްތެރިކަމުގެ ސަބަބުން މުޖުތަމަޢުގައި އަމާންކަމާއި ޞުލްޙަވެރިކަން ޢާންމުވެ، މީސްތަކުންގެ މެދުގައި ލޯތްބާއި އިތުބާރު ބޮޑުވެގެންދާނެކަމަށް ގޮވާލިއެވެ. އަދި އޭގެ ސަބަބުން ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން ލިބިގެންދާނެކަންވެސް ޚުޠުބާގައި ފާހަގަކުރައްވާފައިވެއެވެ.
ޚުޠުބާގައި ވަނީ އަހަރެމެން ރައްކާތެރިވާންޖެހިފައިވާ އެންމެ މުހިންމު އެއް އަމާނާތަކީ ދައުލަތާއި ޢާންމު ރައްޔިތުންގެ މުދަލާއި ފައިސާކަން ފާހަގަކުރައްވާފައެވެ. މިއީ މީހެއްގެ އަމިއްލަ މުދަލަށްވުރެ ބޮޑަށް ރައްކާތެރިވާންޖެހޭނެ އެއްޗެއް ކަމަށާއި، ސަބަބަކީ އެއީ މުޅި މުޖުތަމަޢުގެ ޙައްޤަކަށް ވާތީ ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.
ހަމައެހެންމެ، އަމާނާތަށް ޚިޔާނާތްތެރިވުމުގެ ނުބައިކަމުގެ މައްޗަށް އަލިއަޅުވާލައްވަމުން، އެކަމަކީ މުނާފިޤުންގެ ސިފައެއް ކަމުގައި ކީރިތި ރަސޫލާ ބަޔާންކުރައްވާފައިވާ ޙަދީޘްފުޅު ޚުޠުބާގައި ހަނދާންކޮށްދެއްވިއެވެ.
"ހަތަރު ސިފައެއް މީހެއްގެ ކިބައިގައި ހުރެއްޖެ ނަމަ، އޭނާއަކީ ކަނޑައެޅިގެން ހުރި މުނާފިޤެކެވެ. އަދި އެ ސިފަތަކުގެ ތެރެއިން ސިފައެއް މީހެއްގެ ކިބައިގައި ހުރެ، އެ ސިފައިން ދުރުހެލި ނުވާހައި ހިނދަކު އޭނާގެ ކިބައިގައި މުނާފިޤުކަމުގެ ސިފައެއްވެއެވެ. (އެ ސިފަތަކަކީ) އޭނާއާ އަމާނާތެއް ހަވާލުކޮށްފި ނަމަ އެއަށް ޚިޔާނާތްތެރިވާނެއެވެ. އަދި ވާހަކައެއްދައްކައިފި ނަމަ ދޮގުހަދާނެއެވެ. އަދި ޢަހުދެއްކޮށްފި ނަމަ އެއާ ޚިލާފުވާނެއެވެ. އަދި އަރައިރުމެއް ވެއްޖެ ނަމަ، ދޮގުހަދާނެއެވެ. އަދި އަހުދެއްކޮށްފިނަމަ އެއާއި ޚިލާފުވާނެއެވެ.އަދި އަރާރުމެއްވެއްޖެނަމަ ދޮގު ހަދާ ޙައްގު މަގުން އެއްކިބާ ވާނެއެވެ."
މީގެ އިތުރުން، މާތް ﷲ އިންސާނާއާ ހަވާލުކުރައްވާފައިވާ ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމާއި، އަދާކުރާ ވަޒީފާތަކަށް ތެދުވެރިވުމުގެ އިތުރުން، ތިމާވެއްޓަށް ގެއްލުން ނުދީ، އިސްރާފުނުކޮށް ހެޔޮ ގޮތުގައި ބޭނުންކުރުމަކީ ވެސް އަމާނާތްތެރިކަމުގެ ތެރެއިން ހިމެނޭ މުހިންމު ކަންކަން ކަމުގައި ޚުޠުބާގައި ބަޔާންކުރެއްވިއެވެ.
ޚުޠުބާ ނިންމާލައްވާފައިވަނީ މާތް ﷲ ގެ ކީރިތި އާޔަތްތަކުގެ މާނައާއި، އަހަރެމެން އެންމެންނަކީ އަމާނާތްތަކަށް ރައްކާތެރިވާ ބަޔަކު ކަމުގައި ލެއްވުމަށް އެދި ދުޢާކުރަމުންނެވެ.




