ރާއްޖޭގެ ތިން ސަރަހައްދެއްގައި އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ "އޭޖްޑް ކެއަރ ސެންޓަރު" ތަކެއް ގާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅުގެ ދަށުން، ށ. ފުނަދޫގައި ހަދާ މަރުކަޒުގެ މަސައްކަތް ހެލްތު މިނިސްޓްރީން މިއަދު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުންވެސް ބައިވެރިވެފައިވާއިރު، ހެލްތު މިނިސްޓްރީގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިބްރާހީމް އިސްމާއީލެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީނެވެ.
ހެލްތު މިނިސްޓްރީން ހާމަކުރި ގޮތުގައި، ށ. ފުނަދޫގައި ގާއިމުކުރާ މި މަރުކަޒަކީ ދައުލަތުގެ ބެލުމުގެ ދަށަށް ނެގޭ ފަރާތްތަކަށް ބޭނުންވާ ސިއްހީ ފަރުވާއާއި އިޖުތިމާއީ ހަރަކާތްތައް ހިންގޭނެ ފަދަ ވަސީލަތްތަކާއެކު، 60 މީހުންގެ ޖާގައަށް ފަރުމާކުރެވޭ ތަނެކެވެ. މީގެ އިތުރުން މުވައްޒަފުން ދިރިއުޅޭނެ އެކޮމޮޑޭޝަން ބްލޮކެއްވެސް ހިމެނޭ މި މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 360 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.
އުމުރުން ދުވަސްވީ މީހުން ބެލެހެއްޓުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަދާ މިފަދަ މަރުކަޒުތަކުގެ ތެރެއިން، އައްޑޫ ސިޓީ ފޭދޫގައި ގާއިމުކުރާ ދެކުނުގެ މަރުކަޒުގެ މަސައްކަތް ކޮންޓްރެކްޓަރ ފައިނޭންސިންގ އުސޫލުން މިހާރު ވަނީ ލިޓަސް އޮޓޯމޮބައިލްސްއާ ހަވާލުކޮށްފައެވެ. އަދި ކ. ތުލުސްދޫގައި ބިނާކުރާ "އިސްރަށްވެހިންގެ ހިޔާވަހި" މަޝްރޫއު އެމްޓީސީސީއަށް އެވޯޑްކޮށް، އެކަމުގެ ފަހުމުނާމާގައި ސޮއިކުރުމުގެ ފަހުގެ ތައްޔާރީތައް މިހާރު ދަނީ ވަމުންނެވެ.
މި މަރުކަޒުތަކުގެ އެންމެ ބޮޑު ބޭނުމަކީ ދައުލަތުގެ ހާއްސަ ރައްކާތެރިކަމާއި އަޅާލުން ބޭނުންވާ ފަރާތްތަކަށް ބޯހިޔާވަހިކަމުގެ އިތުރުން، ސިއްހީ އަދި ނަފްސާނީ ދުޅަހެޔޮކަމުގެ ހިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމެވެ. އެގޮތުން މި ތަންތަނުގައި މެޑިކަލް ވޯޑު، ފިޒިއޮތެރަޕީ އަދި ކޮންސަލްޓޭޝަން ރޫމްތަކުގެ އިތުރުން ލައިބްރަރީއަކާއި އެކި ޕްރޮގްރާމްތައް ހިންގާނެ މަލްޓި-ޕާޕަސް ހޯލުތައް ހިމެނޭނެއެވެ.




