މޫސުން ގޯސްވާ ދުވަސްވަރު މަސްވެރިންނަށް ދިމާވާ އެންވެރިކަމުގެ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށްޓަކައި، ސަރުކާރުގެ އިސްނެގުމުގެ މަތިން ރާއްޖޭގައި އެން އާލާކުރުމުގެ އަމަލީ މަސައްކަތްތައް ފަށާފައިވާ ކަމަށް މިނިސްޓްރީ ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން ހާމަކޮށްފިއެވެ. ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މުއްތަލިބް ވިދާޅުވީ، މި މަޝްރޫއު ކާމިޔާބުކަމާއެކު ކުރިއަށްގޮސް 2028 ވަނަ އަހަރުގެ ތެރޭގައި މަސްވެރިންނަށް ބޭނުންވާ އެން ފޯރުކޮށްދޭން ފެށޭނެ ކަމަށެވެ.
ސްޓޭޓް މިނިސްޓަރު ވިދާޅުވީ މީގެ ކުރިން ރާއްޖޭގައި މެރިކަލްޗާގެ މަސައްކަތްތައް ކުރިއަށްދިޔައީ ވަރަށް އާދައިގެ ފަންތިއެއްގައި ނަމަވެސް، މިހާރު ސަރުކާރުގެ އަމާޒަކީ މިއީ ވަކި ސިނާއަތެއްގެ ގޮތުގައި ތަރައްގީކޮށް ކުރިއެރުވުން ކަމަށެވެ. އެގޮތުން މި މަސައްކަތް ފުޅާކުރުމަށްޓަކައި މާލެ ސަރަހައްދުން ކ. މަނިޔަފުއްޓާއި އެ ރަށް ކައިރީގައި އޮތް ފަޅެއްގެ އިތުރުން ގދ. އަތޮޅުން ފަޅެއް މިހާރު ވަނީ މި މަސައްކަތަށް ހާއްސަކޮށް ދޫކޮށްފައެވެ. ގދ. އަތޮޅުގައި މެރިކަލްޗާގެ މަސައްކަތް ކުރާ އަމިއްލަ ކުންފުންޏަކާއެކު މިހާރު އެއްބަސްވުމަކަށް އާދެވި، އެ ސަރަހައްދުތަކުގައި އެން އާލާކުރުމުގެ މަސައްކަތްތައް ބާރުމިނެއްގައި ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވިއެވެ.
މި މަޝްރޫއުގެ އެންމެ ބޮޑު ބޭނުމަކީ މަސްވެރިން އެން ހޯދުމަށް ކުރަންޖެހޭ ހޭދަ ކުޑަކޮށް، ވިއްސާރަވެ މޫސުން ގޯސްވާ ދުވަސްވަރުވެސް މެދުކެނޑުމެއްނެތި މަސްވެރިކަން ކުރެވޭނެ މަގު ފަހިކޮށްދިނުމެވެ. ރާއްޖޭގައި މިހާރުވެސް ކާމިޔާބުކަމާއެކު ޑިނގާ، ހުއިފިލަނޑާ އަދި ފާނަ ފަދަ ބާވަތްތައް އާލާކުރަމުންދާއިރު، މި ފަހަކުން ވަނީ ރާއްޖޭގައި މޫދުވިނަ އާލާކޮށްގެން ބޭރުގެ މާކެޓްތަކަށް އެކްސްޕޯޓް ކުރަންވެސް ފަށާފައެވެ.




