ކައިވެނިމަތީގައި ދެމަފިރިންގެ ދިރިއުޅުމަށްޓަކައި އަނބިމީހާ އަމިއްލައަށް ކޮށްފައިވާ ހަރަދުތައް، ކައިވެނި ރޫޅުމަށްފަހުވެސް ކުރީގެ ފިރިމީހާގެ ކިބައިން ހޯދިދާނެ ކަމަށް ސުޕްރީމް ކޯޓުން ނިންމި ތާރީޚީ މައްސަލާގައި، ކުރީގެ އަނބިމީހާއަށް ފަސް ލައްކައަށްވުރެ ގިނަ ރުފިޔާ ދެއްކުމަށް ދަށު ކޯޓުން ފިރިހެން މީހާގެ މައްޗަށް ހުކުމް ކޮށްފިއެވެ. މި މައްސަލައަކީ ދ. ކުޑަހުވަދޫ ފިރިހެނަކަށް އެ ރަށުން ލިބުނު ގޯއްޗެއްގައި، އޭނާގެ އަނބިމީހާވެސް ހޭދަކޮށްގެން އިމާރާތެއް ބިނާކޮށް، އެތަން ދެމަފިރިންގެ ނަމަށް ރަޖިސްޓްރީ ކުރަން ނިންމާފައިވަނިކޮށް ކައިވެނި ރޫޅުމުން ދިމާވި މައްސަލައެކެވެ. ކައިވެންޏަށް ލިބިފައިވާ ދެ ދަރިންނަށް އެ ގޭގެ ބައެއް ދިނުމަށް އަންހެން މީހާ އެދުމުން ފިރިހެން މީހާ އެކަމަށް އިންކާރު ކުރުމާ ގުޅިގެން، އަންހެން މީހާ ކޯޓަށް މައްސަލަ ހުށަހެޅީ ގޭގެ އިމާރާތަށް އޭނާ ކުރި ހޭދައިގެ ގޮތުގައި އަންދާޒާކުރެވޭ 1.2 މިލިއަން ރުފިޔާ ހޯދުމަށެވެ.
މި މައްސަލަ އެންމެ ފުރަތަމަ ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓާއި ހައި ކޯޓުން ނިންމީ އަންހެން މީހާއާ ދެކޮޅަށެވެ. ނަމަވެސް، އެ ހުކުމްތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން، މަރުކަޒީ ކޯޓުން ވަނީ ދަށު ކޯޓުތަކުގެ ނިންމުން ބާތިލްކޮށްފައެވެ. ސުޕްރީމް ކޯޓުގެ ހުކުމްގައި ކަނޑައަޅާފައިވަނީ ކައިވެނީގެ ހަޔާތުގައި އަނބިމީހާ ކޮށްފައިވާ ދިރިއުޅުމުގެ ހަރަދުތައް ކައިވެނި ނިމުމަކަށް އައުމަށްފަހުވެސް ހޯދޭނެ ކަމަށެވެ. އަދި ދެމަފިރިން ހޭދަކޮށްގެން ހަދާފައިވާ އިމާރާތް އަގުކުރުމަށްފަހު، އޭގެ އަގުގެ ދެބައިކުޅަ އެއްބައި އަންހެން މީހާއަށް ދޭންޖެހޭނެ ކަމަށް ކަނޑައަޅައި، އެ ބައި ލިބިދިނުމަށް މައްސަލަ އަލުން ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓަށް ތަހުވީލުކުރިއެވެ.
ސުޕްރީމް ކޯޓުގެ އަމުރަށް ކުޑަހުވަދޫ ކޯޓުން މި މައްސަލަ އަލުން ބަލައި، އެ އިމާރާތް ހުރި ހާލަތްތަކަށް ރިއާޔަތްކޮށް އަގުކުރިއިރު، އެތަނުގެ ޖުމްލަ އަގަކީ އެއް މިލިއަން ރުފިޔާ ކަމަށް ވަނީ ކަނޑައަޅާފައެވެ. އެހެންކަމުން، އެ އަގުގެ ދެބައިކުޅަ އެއްބަޔަށްވާ 541،000 (ފަސް ލައްކަ ސާޅީސް އެއްހާސް) ރުފިޔާ، ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި ކުރީގެ އަނބިމީހާއަށް ދައްކާ ހަލާސްކުރުމަށް ކުޑަހުވަދޫ ކޯޓުން މިހާރު ވަނީ ފިރިހެން މީހާގެ މައްޗަށް ހުކުމް ކޮށްފައެވެ.




