މާލެ އޭރިއާގައި މަސައްކަތްކުރާ ފުލުހުންގެ އަގުވަޒަންކޮށް ޝަރަފުގެ ނިޝާން ދިނުމުގެ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން މައުލޫމާތު ދީފިއެވެ. އިސްކަންދަރު ބިލްޑިންގުގައި ކުރިއަށްދިޔަ މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ފުލުހުންނަށް ޝަރަފުގެ ނިޝާންތައް ހަވާލުކޮށްދެއްވީ ކޮމިޝަނާ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުއެވެ. މި ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮޮލިސް ފަރުހާދު ފިކުރީގެ އިތުރުން ފުލުހުންގެ މުއައްސަސާގެ އެގްޒެކެޓިވް ބައެއް އޮފިސަރުން ވެސް ބައިވެރިވެލެއްވި ކަމަށް ފުލުހުންގެ ހިދުމަތުން ހާމަކުރެއެވެ.
މި ރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕޮލިސް ދެއްކެވި ވާހަކަފުޅުގައި، ޝަރަފުގެ ނިޝާން ހާސިލްކުރި ހުރިހާ ފުލުހުންނަށް މަރުހަބާ ދަންނަވައި، މުއައްސަސާގެ ދިގު ތާރީޚުގައި އިހުލާސްތެރިކަމާއެކު ހިދުމަތް ކުރައްވަމުންދާ މުވައްޒަފުންގެ ކެތްތެރިކަން ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވިއެވެ. މީގެ އިތުރުން، ފުލުހުންގެ މެދުގައި އޮންނަ އެއްބައިވަންތަކަން ހިފެހެއްޓުމަށް ކޮންމެ ފުލުހަކުވެސް ބާރުއެޅުމަށް އެދިވަޑައިގަންނަވަމުން، ފުލުހުންގެ ކާމިޔާބީތަކުގެ އަގުވަޒަންކުރުމަށާއި، މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަން ސީޕީ ފާހަގަކުރެއްވި ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނެފައިވެއެވެ.
ފުލުހުންގެ އިދާރާއިން މައުލޫމާތުދޭ ގޮތުގައި، މި ރަސްމިއްޔާތުގައި މާލެ ސަރަހައްދުން ޖުމްލަ 84 ފުލުހަކަށް ޝަރަފުގެ ނިޝާން އަރުވާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 32 ކޮމިޝަންޑު އޮފިސަރުންނާއި، ސަބް އިނިސްޕެކްޓާ އޮފް ޕޮލިސް ރޭންކުގެ 18 ފުލުހުންގެ އިތުރުން ސީނިއާ ސާޖަންޓު ރޭންކުން ފެށިގެން ކޮންސްޓަބަލް ރޭންކާ ހަމައަށް ހިމެނޭ ތަފާތު ރޭންކުތަކުގެ 34 ފުލުހުންނެވެ.




