ވެނެޒުއޭލާއަށް އައި ނުރައްކާތެރި ބިންހެލުންތަކާ ގުޅިގެން، އެ ގައުމުގެ ވަގުތީ ރައީސާ ޑެލްސީ އެލޮއިނާ ރޮޑްރިގޭޒް ގޮމޭޒްއަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސް ފޮނުއްވި މެސެޖުގައި، ވެނެޒުއޭލާއަށް އައި ބިންހެލުންތަކުގެ ސަބަބުން ގިނަ ބައެއްގެ ފުރާނަ ގެއްލި، އެތައް ބަޔަކަށް އަނިޔާވެ، ގެދޮރާއި އުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމަށް ވިދާޅުވިއެވެ.
ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި ރައީސް ޑރ. މުޢިއްޒު ވަނީ ވެނެޒުއޭލާގެ ސަރުކާރަށާއި ރައްޔިތުންނަށް އިޚްލާޞްތެރި ތައުޒިޔާ ރައްދުކުރައްވާފައެވެ. އަދި މި ހާދިސާގައި ފުރާނަ ގެއްލުނު ފަރާތްތަކުގެ އާއިލާތަކަށް ކެތްތެރިކަން ދެއްވުން އެދި ދުއާކުރައްވައި، އެ އާއިލާތަކަށް ހަމްދަރުދީ ފޮނުއްވާފައިވެއެވެ.
މީގެ އިތުރުން، މި ހާދިސާގައި އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން، މިހާރު ކުރިއަށްދާ މީހުން ސަލާމަތްކުރުމާއި އާންމު ހާލަތަށް ރުޖޫއަވުމުގެ މަސައްކަތްތަކަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށް ވެސް ރައީސްގެ މެސެޖުގައި ބަޔާންކުރައްވާފައިވެއެވެ.




