ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ބޭންކިންގ ދާއިރާގެ މެންބަރު ކަމަށް ޒައިނާ އަބްދުﷲ އައްޔަނުކުރައްވައި، ސަރުކާރުގެ އިތުރު ތިން ކުންފުންޏެއްގެ ބޯޑަށް ވެސް ޕީސީބީން މިއަދު ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. ޕީސީބީން ވަކިވަކިން ކުރި ޕޯސްޓުތަކެއްގައި ހާމަކޮށްފައިވާ ގޮތުން، މި ބަދަލުތަކުގެ ތެރެއިން ބައެއް ކުންފުނިތަކުގެ ބޯޑަށް އާ މެންބަރުން އައްޔަނުކޮށްފައިވާއިރު، އަނެއްބައި ކުންފުނިތަކުގެ ބޯޑުން ބައެއް މެންބަރުން ވަނީ ވަކިކޮށްފައެވެ. އެގޮތުން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ބޯޑު ޑިރެކްޓަރު ކަމަށް ޝެރީނާ ޞާލިހު އައްޔަނުކުރެއްވިއިރު، އެމްޓީސީސީގެ ޗެއާޕާސަން އަދި ބޯޑު ޑިރެކްޓަރު ކަމަށް އައްޔަނުކުރެއްވީ ސަޢާދާ އިބްރާހިމްއެވެ. މީގެއިތުރުން، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ޑިރެކްޓަރުންގެ ބޯޑު މެންބަރު ކަމަށް އަހުމަދު ނާސިފު ވަނީ އައްޔަނުކުރައްވާފައެވެ.
މި ބަދަލުތަކުގެ ތެރެއިން މިއަދު މަގާމުން ވަކިކުރައްވާފައިވާ ދެ މެންބަރުންނަކީ ވިޒިޓް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑު މެންބަރު ޢާއިޝަތު އަލީއާއި އެމްޕީއެލްގެ ޑިރެކްޓަރުންގެ ބޯޑު މެންބަރު އައިމިނަތު ރައިޝަމެވެ. ކުންފުނިތަކުގެ ބޯޑަށް މި ބަދަލުތައް ގެނައި ވަކި ޚާއްޞަ ސަބަބެއް ޕީސީބީން ހާމަކޮށްފައި ނުވި ނަމަވެސް، ދައުލަތުގެ ކުންފުނިތަކަށް ކުރާ ޚަރަދު ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުން، ސަރުކާރު ކުންފުނިތަކުން 33 މުވައްޒަފުން މަދުކުރަން ފިނޭންސް މިނިސްޓްރީން މިދިޔަ އޭޕްރިލް މަހު ވަނީ ޕީސީބީއަށް އަންގާފައެވެ. އަދި ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި އެންގުމާ އެއްގޮތަށް ކުންފުނިތަކުން މުވައްޒަފުން މަދުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.




