ރާއްޖެއަށް މިހާރު ޒިޔާރަތްކުރަމުންދާ ވޯލްޑް ބޭންކުގެ މާހިރުންގެ ވަފުދެއް، މިނިސްޓަރ އޮފް ފައިނޭންސް ޑޮކްޓަރ ހަސަން ޒަރީރާ މިއަދު ބައްދަލުކުރައްވައިފިއެވެ. ފިނޭންސް މިނިސްޓްރީން ހާމަކުރި ގޮތުގައި، މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނީ ރާއްޖެއާއި ވޯލްޑް ބޭންކާ ދެމެދު އޮންނަ ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންނެވެ. އެގޮތުން ދެފަރާތަށް ފައިދާހުރި ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންދިއުމާއި، މާލީ ފުރުޞަތުތައް ފުޅާކުރުމުގެ އިތުރުން ޕްރައިވެޓް ސެކްޓަރ ކުރިއަރުވައި އިޤުތިޞާދީ ގުޅުންތައް ވަރުގަދަކުރުމާ ބެހޭގޮތުން ދެފަރާތުން ޚިޔާލު ބަދަލުކުރެއްވިއެވެ.
މީގެ އިތުރުން، ރާއްޖޭގެ ޤައުމީ ތަރައްޤީގެ ލަނޑުދަނޑިތަކާ ގުޅުންހުރި ބޮޑެތި މަޝްރޫޢުތައް ހިންގުން އަވަސްކުރެވޭނެ ގޮތްތަކާ، ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި ވަނީ ފުޅާދާއިރާއެއްގައި މަޝްވަރާކޮށްފައެވެ. މިނިސްޓަރ ޒަރީރު ވަނީ ރާއްޖޭގެ ތަރައްޤީއަށް ވޯލްޑް ބޭންކުން މެދުނުކެނޑި ދެމުންދާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވައި އެ މުއައްސަސާއަށް ޝުކުރު އަދާކުރައްވާފައެވެ. ފިނޭންސް މިނިސްޓްރީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި، ވޯލްޑް ބޭންކުގެ ވަފުދުގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގެންނެވީ ރާއްޖެ، ނޭޕާލް އަދި ސްރީލަންކާގެ ޑިވިޝަން ޑައިރެކްޓަރު ޑޭވިޑް ސިސްލެންގެ އިތުރުން ރާއްޖެއާއި ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ މެނޭޖަރު ގެވޯގް ސާގްސިޔާންއެވެ.




