މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިން އިންތިޒާމުކޮށްގެން ބާއްވާ "މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026" ގެ ސަބަބުން ރާއްޖޭގެ މާލީ ދާއިރާގެ ހުރިހާ މުއައްސަސާތަކެއް އެއް ފުރާޅެއްގެ ދަށުން ބައްދަލުވުމުގެ ފުރުސަތު އާންމުންނަށް ފަހިވެގެންދާނެއެވެ. ވޭތުވެދިޔަ ނުވަ އަހަރުގެ ތެރޭގައި މާލީ ދާއިރާގެ ހުރިހާ ބައިވެރިން އެއް ތަނަކުން ބައްދަލުވާ ފުރަތަމަ ފަހަރު ކަމަށްވާ މި އެކްސްޕޯ ކުރިއަށްދާނީ ޖުލައި މަހުގެ 2 އިން 4 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. ކޮންމެ ދުވަހެއްގެ ހަވީރު 3:00 އިން ރޭގަނޑު 10:00 އަށް އެއްވެސް ފީއަކާ ނުލައި އާންމުންނަށް ހުޅުވާލެވިގެން ކުރިއަށްދާ މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ މާލީ ހޭލުންތެރިކަން އިތުރުކުރުމާއި، ހިދުމަތްތައް ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދިނުމުގެ އިތުރުން ރާއްޖޭގެ މާލީ މުސްތަގުބަލު ބައްޓަންކުރަމުންދާ އާ އީޖާދުތައް ދައްކާލުމެވެ. "ދެމެހެއްޓެނިވި މުސްތަގުބަލަކަށް ބާރުވެރިކުރުވުން: އެންމެންގެ ބައިވެރިވުން، އީޖާދުވެރިކަން އަދި ފަންނީ ހުނަރު" މި ޝިއާރުގެ ދަށުން ބާއްވާ މި އެކްސްޕޯގައި ވިޔަފާރި ބޭންކުތަކާއި، އިންޝުއަރެންސް ކުންފުނިތަކާއި، ފައިނޭންސް ދޫކުރާ އިދާރާތަކާއި، ރެގިއުލޭޓަރީ އިދާރާތަކާއި، މަތީ ތައުލީމު ފޯރުކޮށްދޭ ފަރާތްތަކުގެ އިތުރުން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން ބައިވެރިވާނެއެވެ.
މި އެކްސްޕޯގެ ސަބަބުން އާންމުކޮށް ބޭންކު އެކައުންޓް ހުޅުވުމާއި، ލޯނަށް އެދުމާއި، އިންޝުއަރެންސް އަދި ޑިޖިޓަލް ޕޭމަންޓް ސިސްޓަމްތަކާ ގުޅޭ މައުލޫމާތު ހޯދުމަށް ތަފާތު އެކި މަންސަތަކަށް ދާންޖެހޭ ޖެހުމަށް ނިމުމެއް އައިސް، ހުރިހާ މައުލޫމާތެއް އެއްތަނަކުން ފަސޭހަކަމާއެކު ލިބޭނެއެވެ. މިއީ ހަމައެކަނި މައުރަޒެއްގެ ބަދަލުގައި، އަމަލީ ގޮތުން ކަންކަން ދަސްކޮށްދޭ އިންޓަރެކްޓިވް ހަރަކާތަކަށް ވާއިރު، ޒިޔާރަތްކުރާ ފަރާތްތަކަށް މުއައްސަސާތަކުގެ މަންދޫބުންނާ ބައްދަލުކޮށް، ހިދުމަތްތައް އަޅާކިޔައި، ދާއިރާގެ މާހިރުންގެ އިރުޝާދު ހޯދުމުގެ ފުރުސަތު ލިބޭނެއެވެ. މީގެ އިތުރުން، މާލީ ދާއިރާގެ ފަންނީ ބޭފުޅުންނާއި ސިޔާސަތު ކަނޑައަޅާ ފަރާތްތަކަށް ހާއްސަކޮށްގެން ބާއްވާ ޕެނަލް ޑިސްކަޝަންތަކުގައި، ރާއްޖޭގައި މާލީ ބައިވެރިވުމާއި ހޭލުންތެރިކަން އިތުރުކުރުމާ ބެހޭގޮތުންނާއި ދާއިރާއަށް އަންނަމުންދާ ބަދަލުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެއެވެ.
އާންމު ހަރަކާތްތަކުގެ އިތުރުން މި އެކްސްޕޯ ވެގެންދާނީ އާއިލާތަކަށް ވެސް ހިތްފަސޭހަ އަދި ފޯރިގަދަ މާހައުލަކަށެވެ. އެގޮތުން ލައިވް މިއުޒިކާއި، ގުރުއަތުން ހޮވޭ ފަރާތްތަކަށް ދެވޭ އިނާމުތަކުގެ އިތުރުން ކުދި ވިޔަފާރިތަކުގެ ކާބޯތަކެތީގެ ސްޓޯލްތަކާއެކު އީދު ފެސްޓިވަލެއްގެ ފޯރި އެކްސްޕޯއިން ފެނިގެންދާނެއެވެ. ހާއްސަ ހަރަކާތްތަކެއްގެ ގޮތުގައި ޖުލައި ތިނެއްވާ ހުކުރު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް "ކުޑަކުދިންގެ ހަވީރު" ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ހަވީރުގައި ކުޑަކުދިންނަށް މާލީ ދާއިރާގެ އަސާސީ މައުލޫމާތުތައް އޮޅުންފިލުވައިދޭނެއެވެ. އަދި ހަމަ އެއާއެކު، އެރޭގެ 10:00 ގައި އެކްސްޕޯގައި ބައިވެރިވާ މާލީ އިދާރާއެއްގެ ފަރާތުން ބާއްވާ ހަވާ އެރުވުމުގެ ހަރަކާތްތަކެއް ވެސް ކުރިއަށްދާނެއެވެ.




