ރާއްޖޭގެ ދެ އަތޮޅެއް ފިޔަވާ އެހެން ހުރިހާ އަތޮޅަކުން އަގު ހެޔޮކޮށް މަސްވެރިންނަށް ތެޔޮ ލިބެނޭ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް މަސްވެރިކަމާ ދަނޑުވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ މެދު އިރުމަތީގައި ހިނގަމުން އަންނަ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ މަސްވެރި ސިނާއަތަށް އޭގެ ނެދެވޭ އަސަރުކުރަމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް އެކަމުގެ ސަބަބުން މަސްވެރިންނަށް ދިމާވާ ގޮންޖެހުންތައް ކުޑަކުރުމަށްޓަކާ ސަރުކާރުން މުހިންމު ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
އެގޮތުން މަސްވެރިންނަށް ވިއްކާ ތެޔޮ ހެޔޮ އަގުގައި ލިބޭނެ އިންތިޒާމް ހަމަޖެހިގެން ދިއުމަކީ ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ތެރެއިން މުހިންމު ފިޔަވަޅެއް ކަމަށާއި، މިއީ މަސްވެރިން މަސް ކަނޑުތަކަށް ނެރުމަށްޓަކާ ކުރެވުނު މަސައްކަތްތައް ކަމަށް އޭނާ ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ މިވަގުތު ރާއްޖޭގެ ދެ އަތޮޅެއް ފިޔަވާ އެހެން ހުރިހާ އަތޮޅަކުން މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެ ކަމަށެވެ.
"ދިވެހިރާއްޖޭގެ ދެ އަތޮޅެއް ފިޔަވާ ހުރިހާ އަތޮޅަކުން މިވަގުތުވެސް މި އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމުތައް މިވަނީ ހަމަޖެހިފައި. އެއީ މިވަގުތު މ. އަތޮޅާއި ލ.އަތޮޅުން އަޅުގަނޑުމެންނަކަށް ސީދާ ކޮންމެ ދުވަހަކު ތެލެއް ނުވިކޭ. އެހެންނަމަވެސް ބައެއް ފަހަރު މިފްކޯގެ ބޯޓުން ތެޔޮ ލިބޭނެ އިންތިޒާމުތަކާއެކީގައި މި ދެ އަތޮޅުންވެސް ކޮންމެސްވަރަކަށް އަޅުގަނޑުމެންނަށް ތެޔޮ ވިކޭ"، ޝިޔާމް ވިދާޅުވިއެވެ.
އަދި މިކަން ހައްލު ކުރުމަށްޓަކާ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.




