ޗައިނާގެ ކްރޫޒް ލައިނާއެއް ކަމަށްވާ "ވައިކިންގް ޔީދުން" ފުރަތަމަ ފަހަރަށް ރާއްޖެ އައުމާ ގުޅިގެން، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން އާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އެޖެންޓްސް (މާޔާ) ގުޅިގެން މާލޭގެ ނަންބަރު 1 ޖެޓީގައި އެ ބޯޓަށް ޚާއްޞަ މަރުޙަބާއެއް ކިޔައިފިއެވެ. މިއީ ޗައިނާގެ ކްރޫޒް އުޅަނދެއް ރާއްޖެއަށް ޒިޔާރަތްކުރި ފުރަތަމަ ފަހަރެވެ. މި އުޅަނދުން ދަތުރުކުރީ 732 ފަތުރުވެރިންނާއި 486 ފަޅުވެރިން ހިމެނޭހެން ޖުމްލަ 1،218 މީހުންނެވެ. މި ދަތުރަކީ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ކްރޫޒް ޓޫރިޒަމް އިތުރު ދާއިރާއެއްގެ ގޮތުގައި ތަރައްޤީކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
ވިޒިޓް މޯލްޑިވްސްއިން މައުލޫމާތު ދިން ގޮތުގައި، އިއްޔެ ހެނދުނު 07:00 ގައި ބޭއްވުނު މި މަރުޙަބާ ކިޔުމުގެ ހަރަކާތަކީ، ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ދިވެހި ސަޤާފަތް ދައްކުވައިދޭގޮތަށް ހޫނު މަރުޙަބާއެއް ފޯރުކޮށްދިނުމަށް އިންތިޒާމުކުރެވުނު ހަރަކާތެކެވެ. އެގޮތުން، ބޯޓުން އައި ފަސިންޖަރުންނަށް މަރުޙަބާ ކިޔާފައިވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް ގެ އެސްޓޭޓް ބޮޑުބެރު ގްރޫޕުގެ ފަރާތުން ހުށަހަޅައިދިން ފޯރިގަދަ ބޮޑުބެރުގެ ހަރަކާތްތަކަކުންނެވެ. މީގެ އިތުރުން، ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރާ ތަކެއްޗާއި ބްރޭންޑް އައިޓަމްތައް ހިމެނޭ ތިމާވެއްޓާ ރައްޓެހި ދަބަސް، ވިޒިޓް މޯލްޑިވްސްގެ ޓީމުން ވަނީ ފަތުރުވެރިންނަށް ބަހާފައެވެ.
ވިޒިޓް މޯލްޑިވްސްއިން ބުނި ގޮތުގައި، މި ދަތުރަކީ ރާއްޖެއަކީ ކްރޫޒް ދަތުރުތަކަށް އެންމެ އެކަށީގެންވާ މަންޒިލެއްގެ ގޮތުގައި ދެއްކުމަށާއި، ބައިނަލްއަޤްވާމީ ބޮޑެތި މާކެޓުތަކަށް އަމާޒުކޮށް، އާންމުކޮށް ފަތުރުވެރިން އަންނަ ދާއިރާތަކުން ބޭރުން ފަތުރުވެރިން އަންނާނެ އާ މަގުތައް ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ބައެކެވެ. ކްރޫޒް ޓޫރިޒަމް ތަރައްޤީކުރުމަކީ ރާއްޖެއަށް ފަތުރުވެރިން ގެނައުމަށް ކަނޑައަޅާފައިވާ ޤައުމީ ލަނޑުދަނޑިތައް ހާސިލުކުރުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށާއި، މީގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ވަރުގަދަވެ، ފަތުރުވެރިން އަންނަ އަދަދު ދެމެހެއްޓެނިވި ގޮތެއްގައި އިތުރުވުމަށް މަގުފަހިވާނެ ކަމަށްވެސް އެ އިދާރާއިން ފާހަގަކުރިއެވެ.
މި ހަރަކާތަކީ އިންޑިއާ ކަނޑުގެ ސަރަޙައްދުގައި ރާއްޖޭގެ ޔޮޓާއި ކްރޫޒް ޓޫރިޒަމް ކުރިއެރުވުމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން މާޔާއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. މާޔާއާއެކު އޮންނަ މި ގުޅުމުގެ ތެރެއިން، ވިޒިޓް މޯލްޑިވްސްއިން މަސައްކަތް ކުރާނީ ފަތުރުވެރިންނަށް ރާއްޖޭގެ ސަގާފަތް އަދި ގުދުރަތީ ރީތިކަން ތަޖުރިބާކުރުމުގެ ފުރުސަތު ފަހިކޮށްދީ، ކްރޫޒް އަދި ޔޮޓުތަކުގައި އަންނަ ފަތުރުވެރިންގެ ލަނޑުދަނޑިތައް ހާސިލުކުރުމަށާއި، ބައިނަލްއަޤްވާމީ ދުނިޔޭގައި ރާއްޖެއަށް ލިބޭ މަގުބޫލުކަން އިތުރުކުރުމަށެވެ.


