މޯލްޑިވްސް ޒަކާތު ހައުސްއިން ދޫކުރާ ޒަކާތު ސްކޮލަރޝިޕަށް އެދި ފޯމު ހުށަހަޅާއިރު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އިން ދޫކުރާ "ރިކޮގްނިޝަން އޮފް ދަ އިންޓެންޑެޑ ޕްރޮގްރާމް" ލިޔުން ފުރަތަމަ ހުށަހަޅަން ނުޖެހޭނެ ކަމަށް އެ އިދާރާއިން ހާމަކޮށްފިއެވެ. ޒަކާތު ހައުސްއިން ބުނި ގޮތުގައި، ޔުނިވަރސިޓީގެ ޕްލޭސްމެންޓް ލެޓަރއެއް އޮވެގެން އެމް.ކިޔު.އޭ އިން އެ ލިޔުން ދޫކުރާ ކޯސްތަކަށް ކުރިމަތިލާ ދަރިވަރުންގެ ފޯމުތައް އެ ލިޔުން ނެތް ނަމަވެސް ބަލައިގަންނާނެއެވެ. ނަމަވެސް ޕްލޭސްމެންޓް ލެޓަރ ލިބުނުހާ އަވަހަކަށް އެމް.ކިޔު.އޭ އިން އެ ލިޔުން ހޯދައި، ވީ އެންމެ އަވަހަކަށް ޒަކާތު ހައުސްއަށް ހުށަހަޅަން ޖެހޭނެއެވެ.
މިދިޔަ މެއި މަހުގެ 17 ގައި ހުޅުވާލި މި ސްކޮލަރޝިޕް ސްކީމުގެ ދަށުން ޖުމްލަ 30 ފުރުޞަތު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ހިމެނެނީ ރާއްޖޭގައި ކިޔެވުމަށް ދޭ 10 ފުރުޞަތާއި ރާއްޖޭން ބޭރުން ކިޔެވުމަށް ދޭ 20 ފުރުޞަތެވެ. މި ސްކީމް ބަހާލެވިފައިވަނީ މާސްޓާސް ލެވެލްއަށް 9 ފުރުޞަތު، ޕީއެޗްޑީއަށް 10 ފުރުޞަތު، ސަޢުދީ ޢަރަބިއްޔާ އާއި މިޞްރުގައި ކިޔަވާ ކުދިންގެ ސްޓައިޕަންޑަށް 5 ފުރުޞަތު، އަދި އަންހެނުންގެ ޞިއްޙަތާ ގުޅޭ ދާއިރާތަކުން އަންހެން ޑޮކްޓަރުން ތަމްރީނުކުރުމަށް ދޭ 5 ފުރުޞަތުގެ މައްޗަށެވެ.
ޒަކާތު ސްކޮލަރޝިޕް މައިގަނޑު ގޮތެއްގައި ޚާއްޞަކޮށްފައިވަނީ އިސްލާމީ ޝަރީޢާ، ޤުރުއާނާ ބެހޭ ޢިލްމު، ޢަޤީދާ، އިސްލާމީ ތަރުބިއްޔަތު، ފިޤުހު އަދި އުޞޫލުލް ފިޤުހު ފަދަ އިސްލާމީ ދާއިރާތަކަށެވެ. މީގެ އިތުރުން އިސްލާމީ ނޫސްވެރިކަމާއި އިސްލާމީ ލީޑަރޝިޕް އެންޑް މެނޭޖްމަންޓްގެ ދާއިރާ ވެސް ހިމެނެއެވެ. ޒަކާތު ހައުސްއިން ބުނި ގޮތުގައި އިސްލާމީ ދާއިރާތަކުގެ އިތުރުން، ހުށަހަޅާ ޕްރޮޕޯސަލްއަކީ ދިވެހި އިސްލާމީ މުޖުތަމަޢުގެ ކުރިއެރުމަށް ބޭނުންތެރި ދާއިރާއެއްކަން ސާބިތުކޮށްދެވޭ ނަމަ، އެހެން ދާއިރާތަކުން ކިޔެވުމުގެ ފުރުޞަތުވެސް ދަރިވަރުންނަށް ލިބޭނެއެވެ. މި ސްކޮލަރޝިޕްތަކަށް އެދި ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ ޖުލައި މަހުގެ 16 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 އެވެ.


